ފަރުވާ ނިމުމުން އެންމެ ދުވަހަކު ވެސް ގާސިމް ބޭރުގައި ނުހުންނަވާނެ: އަމީން

ފަރުވާ ނިމުމުން އެންމެ ދުވަހަކު ވެސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެއިން ބޭރުގައި ނުހުންނަވާނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް ތިން އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އެމަނިކުފާނު ހުންނެވީ ބޭސްފަރުވާއަށް ވަޑައިގެން ސިންގަޕޫރުގަ އެވެ. ބޭސްފަރުވާ ކުރުމަށް ސަރުކާރުން ދިން މުއްދަތު ހޯމަ ދުވަހު ހަމަވެފައިވާއިރު، ސަރުކާރުން މިހާރު ބަލަނީ ގާސިމް ފިއްލެވީ ކަމަށެވެ.
އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިއްލަވާ ވަރަށް ވުރެ ގާސިމްގެ ޒިންމާއާއި މަސްއޫލިއްޔަތު ބޮޑު ކަމަށާއި ފަރުވާ ނިމުމުން އެންމެ ދުވަހަކު ވެސް އެމަނިކުފާނު ބޭރުގައި ނުހުންނަވާނެ ކަމަށެވެ. 
Hon.@qasimibrahim fillavaa varavvure emanikufaanuge zinmaa aai masooliyath bodu. Faruvaa nimumun enme dhuvahakuves beyraku nuhunnavaane.
ބޭސްފަރުވާއަށް ގާސިމް ސިންގަޕޫރަށް ވަޑައިގެންނެވީ ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ. ސަރުކާރުން ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ސެޕްޓެމްބަރު 13 ވަނަ ދުވަހު އަނެއްކާ ވެސް 10 ދުވަސް ދިނެވެ. އެއަށްފަހު އެ މުއްދަތު ހަމަވަމުން ސެޕްޓެމްބަރު 26 ވަނަ ދުވަހު ފަސް ދުވަސް އިތުރުކޮށްދިނެވެ.
ގާސިމަކީ ފްލައި ކުރުމަށް އަންފިޓް މީހެއް ކަމަށް ކުރީންވެސް ކަނޑައަޅާފައިވާތީ އާއި އެމަނިކުފާނުގެ މެޑިކަލް ސްޓޭޓަސް އަށް ބަދަލެއް އައިސްފައި ނުވާތީ އެއަރލައިނުން އެމަނިކުފާނަށް ދަތުރު ކުރުމަށް ހުއްދަ ދީފައިނުވާ ކަމަށް ވަކީލުން ދަނީ ވިދާޅުވަމުންނެވެ.
ވަކީލުން ވިދާޅުވި ގޮތުގައި ކަރެކްޝަނަށް ހުށަހަޅާފައިވާ ގާސިމްގެ ޑޮކްޓަރުންގެ މެޑިކަލް ރިޕޯރޓް ގައިވާ ފަދައިން އެމަނިކުފާނުގެ ހިތުގެ އީ.ޕީ.ސްޓަޑީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ނޮވީނާ ހޮސްޕިޓަލުގައި ހެދުމަށް އޮކްޓޯބަރު 19 ވަނަ ދުވަހަށް ޝެޑިއުލް ކޮށްފައިވާކަމާއި، އީ.ޕީ.ސްޓަޑީ އަށްފަހުވެސް އިތުރު ފަރުވާކުރުމަށްޓަކައި ސިންގަޕޫރުގައި ހުންނަވަންޖެހޭނެ ކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާކަންވެސް ވަނީ ކަރެކްޝަނަށް އަންގާފައެވެ.
ބޭސްފަރުވާ ފުރިހަމަކުރުމަށްޓަކައި ޑިސެމްބަރު 2017ގެ ނިޔަލަށް ސިންގަޕޫރުގައި ގާސިމަށް ހުންނެވުމުގެ ހުއްދަ ދެއްވައި، ސަރުކާރުން ދީފައިވާ ޓްރެވަލް ޑޮކިއުމެންޓްގެ މުއްދަތު އިތުުރުކޮށްދިނުމަށް ގާސިމްގެ އާއިލާގެ ފަރާތުން ވަނީ އެދިފަ އެވެ. އެހެން ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ މުއްދަތު އިތުރުކޮށް ނުދިނުމަށެވެ.
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ