ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު، ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުހުންނަވާނެ ކަމަށް، ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ފޯނުން މިއަދު ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ރައީސް މައުމޫނު ވިދާޅުވީ ފާރިސް މައުމޫނު ރިޝްވަތު ދިނުމުގެ އެއްވެސް ކަމެއް ކުރައްވާފައި ނުހުންނާނެ ކަމަށާއި އެކަމާގުޅޭ އެއްވެސް ހެތްކެތް ގަރީނާއެއް ނޯންނާނެ ކަމަށެވެ.
"އެހެން ދެންނެވިޔަސް، ދަލީލެއް، ބަޔަކު ބޭނުމިއްޔާ އުފެއްދިދާނެ އެއްޗެއް ދެއްތޯ؟ މީހެއްގެ ގެއިން ފިސްތޯލައެއްވެސް ފެނިދާނެ" ރައީސް މައުމޫނު ވިދާޅުވިއެވެ.
ބައެއް މެންބަރުން ފައިސާ ބެހި ކަމަށް ވިދާޅުވާއިރު އެކަންކަން ނުބެލޭ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
"ބައެއް މެންބަރުން އަމިއްލަފުޅަށް ވިދާޅުވެފައި އެބަ އޮތް ފައިސާ ގޯނި ހިފައިގެން ދިޔައީ ތިމަންނައޭ. ތިމަންނައޭ ފައިސާ ބެއްސެވީ. މިކަހަލަ ބައިވަރު ވާހަކަތަކެއް އާއްމުތަންތަނުގައި އެބޭފުޅުން ވަނީ ވިދާޅުވެފަ. އެއިންކަމެއް ނުބެލޭ. ދެން ކޮންކަމެއްތޯ ބަލާނީ. އެހެންވީމަ އެނގޭނުންތޯ މިއީ ވަކި ފަރާތަކަށް ޖެހިގެން ވަކި ބަޔަކު ކުށްވެރިކުރަން ކުރާ ޤައިރުގާނޫނީ މަސައްކަތެއްކަން" ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ރުފިޔާ ހުށަހެޅި ކަމަށް މެންބަރުން ވިދާޅުވާ ކަމަށާއި އެކަންކަންވެސް ނުބަލާ ކަމަށެވެ. އެފަދަ ކަންކަން ތަހުގީގު ކުރެވެންވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ކޯޓު އަމުރެއްގެ ދަށުން ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް، ފުލުހުން މިއަދު ދަނީ ބަލައި ފާސްކުރަމުންނެވެ. ފާރިސްގެ އެޕާޓްމަންޓް ބަލާ ފާސްކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އިތުރު ބަޔަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައެވެ.
އިރާދަކުރެއްވިއްޔާ ފާރިސްގެ ހިތްވަރަށް ބަދަލު ނާންނާނެ ކަމަށާއި ފާރިސް ހުންނެވީ ސާބިތުކަމާއެކުކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ފާރިސް ނުކުރައްވާ: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ