ނޮވެމްބަރު 3، 1988 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރޭވުމުގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުރިކަން ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާކަމަށާ ސަރުކާރުން މަސައްކަތްކުރީ ލުތުފީއަށް ހިމާޔަތްދީ އެމްބަސީގައި ގެންގުޅުމަށްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ އަބްދުﷲ ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުގައި ކޮޅުނބުގައި އެބަހުރި ކަމަށް ފުލުހުން ހާމަކޮށްފައިވަނިކޮށެވެ. އަދި މެއި 1 ވަނަ ދުވަހު ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އަބްދުﷲ ލުތުފީ ހާޒިރުވުމާ ގުޅިގެންކަމަށްވެސް ފުލުހުން ރޭ ވަނީ ބުނެފައެވެ. ފުލުހުން މިކަން ހާމަކޮށްފައިވަނީ ލުތުފީ، ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ހުރިކަން އުމަރު "ފަޅާއަރުވާލުމުން"ނެވެ.
ވީނިއުސްއަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރުވީ ލުތުފީ ފޮރުވަންކަމަށާ އެއީ ޚިޔާނާތުގެ އަމަލެއްކަމަށެވެ. އަދި ސަރުކާރުން މި ހުރިހާ ދުވަހު ރަސްމީ އިއްޒަތުގައި ބޮޑު ކުށްވެރިއަކު، ދައުލަތުގެ އިމާރާތެއްގައި ގެންގުޅުމަކީވެސް ކުށެއްކަމަށެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ ބެހެެއްޓީ ލަންކާގައި ހުންނަވާ ދިވެހި ސަފީރުކަމަށްވާނަ އޭނާ ކުރައްވާފައިވަނީ 3 އަހަރުގެ ޖަލު ހުކުމެއް އަންނަފަދަ ކުށެއްކަމަށާ އަދި މިހާ ގިނަ ދުވަސްވަންދެން ލުތުފީ، ލަންކާގައި ހުންނަ އެމްބަސީގައި ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށްވާނަމަ އެއީވެސް ކުށެއްކަމަށް އުމަރު ވިދާޅުވިއެވެ.
"ޔަގީންވާކަމަކީ ކޮންމެވެސް އެއް ފަރާތަކުން މި ތިބީ މި ކުށްކޮށްގެން. ފުރަތަމަ ކަމަކީ މިކަން ކުރީ ލަންކާގައި ހުންނަވާ ސަފީރުނަމަ އޭނާ އެކުރީ ކުށެއް. ކުށްވެރިއަކު ފޮރުވުމަކީ 3 އަހަރުގެ ޖަލު ހުކުމެއް އަންނާނެފަދަ ކުށެއް." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އެއްވެސް ކުށްވެރިއެއް ތަނެއްގައި ބެހެއްޓޭނީ އެކަން ހިއުމަންރައިޓްސް ކޮމިޝަނަށް އަންގާ، އެ ކޮމިޝަންގެ ހުއްދަ ހޯދައިގެންކަމަށެވެ. އެއީ އެންޓިޓޯޗާ ގާނޫނުގައި ބުނާގޮތްކަމަށާ އެހެންކަމުން ފުލުހުން ކޮށްފައިވަނީވެސް ގާނޫނީ ކުށެއްކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ލުތުފީގެ ކަންކަން "ފަޅާއަރުވާލުމުން" ފުލުހުން ބަޔާނެއް ނެރުނީ އޮޅުވާލާ، ކަންކަން ފޫބައްދަންކަމަށެވެ.
ލުތުފީ މި ހުރިހާ ދުވަހު ލަންކާގެ އެމްބަސީގައި ހުރިކަން ސަރުކާރުގެ އިސްވެރިންނަށް އެނގިވަޑައިގަންނަވާނެތޯ ދެންނެވުމުން އުމަރު ވިދާޅުވީ އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށްވެސް އަދި ސަރުކާރުގެ އިސްވެރިންނަށްވެސް އެނގިވަޑައިގަންނަވާނެކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރީ ރައްޔިތުންނަށް އޮޅުވާލައިގެން އޭނާއަށް ހިމާޔަތްދީގެން އެމްބަސީގައި ގެންގުޅެންކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"100 ޕަސެންޓް މިކަން ރައީސަށްވެސް އެނގިވަޑައިގަންނަވާނެ. އަދި ސަރުކާރުގެ އިސްވެރިންނަށްވެސް އެނގިވަޑައިގަންނަވާނެ." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިއަދު މިކަންކަން ބަލާނެ މުއައްސަސާއެއް މި ދައުލަތުގައި ނެތުމަކީ ހިތާމަކުރައްވާކަމެއްކަމަށާ ނަމަވެސް މި މައްސަލަތައްބަލާ އިންސާފު ގާއިމުކުރާނެ ދުވަސް ދިވެހި ރައްޔިތުން ދެކޭނެކަމަށެވެ.
ލަންކާގައި ފިލައިގެން އުޅޭތާ 7 އަހަރު ދުވަސްފަހުން ލުތުފީ ދިވެހި އެމްބަސީން "ހިމާޔަތް" ހޯދީ އީސްޓަސަންޑޭގެ ބޮންގޮއްވުމުގެ ހާދިސާތަކާއި ގުޅިގެން ލަންކާގެ ފުލުހުން ހިންގާ ވަރުގަދަ އޮޕަރޭޝަނުން ސަލާމަތްވުމަށްކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި ލަންކާގެ ފުލުހުންނަށް ލުތުފީ ފެނުނުނަމަ ހައްޔަރުކުރާނެކަމަށާ އޭނާ ހައްޔަރުކުރަން މީގެ ކުރިންވެސް ލަންކާގެ ފުލުހުން ވަރަށް މަސައްކަތްކޮށްފައިވާކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުވާނީ ލުތުފީގެ ކަންކަން ލަންކާގެ އިސްވެރިންނާއި، ސިފައިންގެ ވެރިންނަށްވެސް ދަންނަވާނަ އަޅުގަނޑު މިނިސްޓަރުކަމުގައި ހުރިއިރު. އަދި ލުތުފީ ހޯދާ މީހަކަށް 10،000 ޑޮލަރު ހުށައަޅާފައިވާކަން އެމީހުންނަށްވެސް އެނގޭ. މި ފައިސާގެ އަދަދަކީ ސިފައިންގެ މީހެއްގެ އަހަރު ދުވަހުގެ މުސާރަ. އެހެންވީމަ ލުތުފީ ހޯދަން އެމީހުން ވަނީ މީގެ ކުރިންވެސް މަސައްކަތްކޮށްފައި." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ލުތުފީ ރާއްޖެގެނެސް ޖަލުގައި ބަންދުކުރާނެކަމަށާ ނަމަވެސް އޭނާ މިނިވަންކުރެވޭނެ މަގެއް ހޯދުމަށް މި ސަރުކާރުން މަސައްކަތް ކުރާނެކަމަށެވެ.
ލުތުފީ އަކީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާއި ގުޅިގެން އުމުރު ދުވަހަށް ޖަލަށް ލާފައި ހުރި މީހެކެވެ. އެމްޑީޕީގެ ސަރުކާރުގައި އޭނާ ރާއްޖެއިން ބޭރަށް ފޮނުވާލީ ބޭސްފަރުވާ އަށެވެ.
ލުތުފީ ފިލީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ބޭސްފަރުވާއަކަށް ލަންކާ އަށް ފޮނުވުމުން 2011 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ފަހަރު ލުތުފީ ދިޔައީ ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް ހޯމް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ. ލުތުފީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔައީ އޭނާ މަރަން ކުރި ހުކުމް ކުރީގެ ރައީސް މައުމޫން ލުއިކޮށް ދެއްވާ ޖަލު ހުކުމަށް ބަދަލު ކުރުމުންނެވެ. އޭނާ ފިލައި ސްރީލަންކާގައި ދިރިއުޅެމުން ދަނީ އަސްލު އޮޅުވާލައި "ޒާން"ގެ ނަމުގައި ކަމަށްވެސް އުމަރު ވިދާޅުވެފައިވެ އެވެ.
ލުތުފީ އެމްބަސީގައި ފޮރުވީ ސަރުކާރުން، އެކަން ރައީސަށްވެސް އެނގޭނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ