ފޯކައިދޫ ބަލިކޮށް ލީގުގައި ދަ ގްރާންޑޭގެ ދެވަނަ މޮޅު ހޯދައިފި

ފޯކައިދޫ ފުޓުބޯޅަ ކުލަބުގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދާ ދިރާގު ދިވެހި ޕްރިމިއަރ ލީގަށް މިއަހަރު އަލަށް ޕްރޮމޯޓުވި ދަ ގްރާންޑޭ އިން ލީގުގެ ދެވަނަ މޮޅު ހޯދައިފިއެވެ.
ލީގުގައި ފުރަތަމަ ކުޅުނު މެޗު މި ދެޓީމު ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ދަ ގްރާންޑޭ ފ. ނިލަންދޫ ސްޕޯޓްސް ކްލަބް ބަލިކުރި އިރު ފޯކައިދޫން ވަނީ ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފަ އެވެ.
މެޗުގައި ފުރަތަމަ ގޯލުޖަހާ ލީޑުނެގީ ދަ ގްރާންޑޭ އިންނެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އޮބައިދާ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އަރިމަތިން އަހުމަދު އިމާޒް (އާއްކޮ) ނަގައިދިން ހުރަސް ފޯކައިދޫގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ލިބުނު ބޯޅައަކުންނެވެ. ދަ ގްރާންޑޭ އިން ލީޑު ފުޅާކުރި ގޯލު 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ނިޒާމް އެވެ. ނިޒާމް މި ގޯލުޖެހީ ކަދޫމް ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފު 40 ވަނަ މިނެޓުގައި ފޯކައިދޫގެ ހަމައެކަނި ގޯލަކީ ދަ ގްރާންޑޭގެ ޑިފެންޑަރު އަހުމަދު ނިޒާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގެ ފަހު 15 މިނެޓުގެ ތެރޭގައި ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔައެވެ. ވަކިން ހާއްސަކޮށް ދަ ގްރާންޑޭ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަ ގްރާންޑޭ ގެ ކީޕަރު ފައިސަލް އެވެ. ފައިސަލް ވަނީ މި މެޗުގައި ފޯކައިދޫގެ ގިނަ ބޯޅަތަކެއް މަތަކޮށްފައެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުުކުރާނީ ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބެވެ. މި މެޗުގެ ރެކޯޑިން މިރޭ 1 ޖަހާއިރު ވީޓީވީން ގެނެސްދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ