އައުޓްޑޯ ޖިމްތަކަކީ ސިއްހީ ދާއިރާގެ ކުރިއެރުމަށް އިތުރުވާ ބޮޅެއް: މިނިސްޓަރު އަމީން

ރާއްޖެއިން އެންމެ ގިނައިން މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގަައި ކަމަށާއި އަލަށް ހުޅުވޭ އައުޓްޑޯ ޖިމަކީ މިކަމުން ސަލާމަތްވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ފަސް ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު ޔޫތު މިނިސްޓްރީއާ ހަވާލުކުރުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ގާތްގަނޑަކަށް 80 އިންސައްތައަށް ވުރެ މަތީ އަދަދެއްގެ މީހުން ދުނިޔެ ދޫކޮށް ދަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށެވެ.
އެހެންކަމުން މިކަމުން ސަލާމާތްވާން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އައުޓްޑޯ ޖިމަކީ މިފަދަ ބަލިތަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިނިސްޓަރު އަމީން ވަނީ އަލަށް ގާއިމުކުރާ އައުޓްޑޯ ޖިމްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް އެދިވަޑައިގެންފައެވެ.
އަމީން ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުމުގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އަބަދުވެސް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އަދި އެޖިމްތަކުގެ ފައިދާވެސް ދަނީ ފެންނަމުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހެލްތު މިނިސްޓްރީން، ޔޫތު މިނިސްޓްރީއާ މިއަދު ހަވާލުކުރީ ބ. ތުޅާދޫ އާއި، ތ. ތިމަރަފުއްޓާއި، ށ. މިލަންދުއާއި، ހއ. ފިއްލަދޫގެ އިތުރުން އއ. ރަސްމާދޫގައި ޖިމް ހަދަން ބޭނުންވާ ސާމާނެވެ. މި ތަކެތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމް ހިންގުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް ކަމަށެވެ. އެހެންކަމުން މިކަމަށްޓަކާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ރަށްރަށުގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ އެ މިނިސްޓްރީން މިހާރު ވެސް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި އައުޓްޑޯ ޖިމްތަކުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އައުޓްޑޯ ޖިމްތަކަށް ބޭނުންވާ ތަކެތި ރާއްޖެއަށް ހަދިޔާކޮށްދެއްވާ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގައި ކޮށްދެއްވާ މަސައްކަތަށް ޑަބްލިއުއެޗްއޯއަށް މިނިސްޓަރު މަހުލޫފު ޝުކުރު އަދާކުރެއްވިއެވެ. އަދި މިނިސްޓްރީއާ ހަވާލުކުރި މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ވީހާވެސް އަވަހަށް ނިންމާނެކަމުގެ ޔަގީންކަން މިނިސްޓަރު މަހުލޫފު ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ