އަބްދުﷲ ދީދީ ފަނޑިޔާރުންގެ ބެންޗުން ދުރަށް ޖެހިވަޑައިގެންނެވުމަށް ގޮވާލައިފި

ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެމަނިކުފާނު ދުރަށް ޖެހިވަޑައިގެންނެވުމަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދު ގޮވާލައްވައިފި އެވެ.
ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އަށް ހުށަހެޅީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އެއް މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ރިޝްވަތެއްގެ މައްސަލަ އެކެވެ.
ކުރީގެ އެޓާނީ ޖެނެރަލް އަދި ގޮތް ނޭނގޭ ގޮތް ގޮތަށް މަރާލާފައިވާ އަދި ގެއްލުވާލާފައި މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑު ކޮރަޕްޝަނުގެ މައްސަލައެއް ބަލަމުންދާއިރު، ފަނޑިޔާރަކު ބެންޗުގައި އިންނެވުން ރަނގަޅު ނޫން ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ބޮޑު ކޮރަޕްޝަނެއްގެ ތުހުމަތު ކުރެވި ޖޭއެސްސީ އިން އެކަން ބަލަމުންދާއިރު، އެ ތުހުމަތުތައް ދޮގުކަން ޖޭއެސްސީން ކަށަވަރު ނުކޮށްދެނީސް އެ ފަނޑިޔާރަކު ފަނޑިޔާރުންގެ ބެންޗުގައި އިންނަވައިގެން ނުވާނެ،" ގާނޫނީ ދާއިރާގައި ތަޖުރިބާކާރު ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. While JSC is looking into a serious allegation of corruption against a supreme court judge, he or she should not sit on the bench until such allegation has been cleared by JSC.— Husnu Al Suood (@hsuood) June 3, 2019
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ އަކީ އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، އަބްދުﷲ ދީދީއަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފައިސާ ޖަމާކޮށްފައިވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ދުވަސްވަރު އެވެ. ނަޝީދަށް ޖަލު ހުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި އަބްދުﷲ ދީދީ އިންނެވި އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ 21 ސެޕްޓެމްބަރ 2008 އިން ފެށިގެން 8 ޖޫން 2015 އަށް ކްރިމިނަލް ކޯޓުގެ ޤާޟީކަން ކުރައްވާފައެވެ. އަދި 8 ޖޫން 2015 އިން ފެށިގެން 27 ޖޫން 2018 އަށް ހައިކޯޓުގެ އިސްފަނޑިޔާރުކަން ކުރައްވާފައެވެ. ފަނޑިޔާރު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކޮށްފައިވަނީ، އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އަބްދުﷲ ސައީދާއި، އަލީ ހަމީދް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން ދުރުކުރުމުން، 28 ޖޫން 2018 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ