ރައީސް މައުމޫނު އަނެއްކާވެސް ޕީޕީއެމް ހޯއްދެއްވުމާއި ދިމާއަށް

ޕީޕީއެމް އެޕާޓީގެ ހައްޤުވެރިންނަށް ހޯއްދަވާ ދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވައުދުފުޅެއްކަމަށާއި އެހެންކަމުން އެ ވައުދު ފުއްދަވާ ދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ނިމިދިޔަ މަޖިލިސް އިންތިހާބުގެ ކަންކަމުގައި އުޅުނު ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ޝަރުއީ މަރުހަލާއިން ނެރުނު ހުކުމްތަކާއިއެކު، ޕީޕީއެމް ލިބޭނެކަމުގެ އުއްމީދެއް ނެތްކަމަށް ވިދާޅުވެ ރައީސް މައުމޫނުވަނީ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ. އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަވެސް ވަނީ ހޯއްދަވާފައެވެ.
ނަމަވެސް މިރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް މައުމޫނުވަނީ ޕީޕީއެމް އަލުން ހޯއްދެވުމުގެ މަސައްކަތް ކުރައްވާކަމަށް އިޝާރާތް ކުރައްވާފައެވެ. ރައީސް މައުމޫނު މިރޭ ވެސް ވިދާޅުވީ ޕީޕީއެމް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކޮށްފައިވަނީ ޝަރީޢަތަށް ނުފޫޒު ފޯރުވައިގެން ކަމުގައެވެ.
ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމް އޭގެ ހައްޤުވެރިންނަށް ހޯދާދެއްވުމަކީ ރައީސް ޞާލިޙްގެ ވައުދުފުޅެއް ކަމުގައެވެ. އަދި އެ ވައުދު ފުއްދަވާ ދެއްވާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި 20 ދާއިރާއަކަށް ރައީސް މައުމޫނުގެ ތާއީދާއި އެކު ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. ނަމަވެސް ކާމިޔާބު ވެފައިވަނީ އެންމެ ގޮނޑި އެކެވެ.
ރައީސް މައުމޫނު މިރޭ ވިދާޅުވީ ނަޒާހަތްތެރި މަޖިލީހެއް އެކުލަވާލުމުގެ ވާހަކަ ދެކެވޭއިރު އިންތިހާބުގެ ކަންކަންވެސް ކުރަންވާނީ ނަޒާހަތްތެރިކަމާއި އެކުގައި ކަމުގައެވެ. އަދި އެނޫން ގޮތަކަށް ކަންކަން ގޮސްގެން ނިކުންނަ ނަތީޖާއަކީ ސައްހަ ނަތީޖާއަކަށް ނުވާނެކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިހާބުގެ ކަންކަން މިހާރަށް ވުރެ ރަނގަޅަށް ކުރެވެން ޖެހޭނެކަމަށްވެސް ރައީސް މައުމޫނު މިރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ