ސަރުކާރުގެ އަމާޒަކީ 70 އިންސައްތަ ކަރަންޓް އިރުގެ އަލިން އުފެއްދުން - މިނިސްޓަރ

ކުރީގެ ސަރުކާރުން އަމާޒު ހިފާފައި ހުރީ ރާއްޖޭގައި އުފައްދާ ކަރަންޓުގެ 30 އިންސައްތަ އިރުގެ ހަކަތަ ނުވަތަ ސޯލާ އެނާޖީން އުފައްދަން ކަމަށާއި ނަމަވެސް އެ އަމާޒު ބަދަލު ކޮށް މި ސަރުކާރުން މިހާރު ނިންމާފައި ވަނީ ރާއްޖޭގެ އުފައްދާ ކަރަންޓުގެ 70 އިންސައްތަ އިރުގެ އަލިން އުފައްދަން ކަމަށް އެންވަރަމެންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އިންޓަނޭޝަނަލް ސޯލާ އެލިޔަންސް ފްރޭމް ވޯކް އެގްރިމެންޓުގައި ރާއްޖެއިން ރަސްމީކޮށް ސޮއިކުރުމަށް ބޭއްވި ރަސްމިޔާތުގައި ވާއްކަ ދައްކަވަމުނެވެ.
އިންޓަނޭޝަނަލް ސޯލާ އެލިޔަންސް އަކީ އިންޑިއާ އިސްވެ އޮވެ 2015 ވަނަ އަހަރު އުފެއްދި ޖަމާތެކެވެ. މި ޖަމާއަތް އުފެއްދުމުގައި ރާއްޖެ ވެސް ފައުންޑަރ މެންބަރަކަށް ހިމެނުނު ނަމަވެސް އަދި މިހާތަނަށް ރާއްޖެއިން އޮތީ މި އެގްރިމެންޓުގައި ސޮއި ނުކޮށެވެ.
މި ރަސްމިޔާތުގައި އިންޑިއާއިން ރާއްޖެއިން ކަޑައަޅުވާފައި ހުންނެއްވި ސަފީރު ސަންޖޭ ސޫދިރު ވެސް ބައިވެރިވިއެވެ.
މި އެގްރިމެންޓުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރ ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މިހާރުވެސް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 6 އިންސައްތަ އުފައްދަނީ އިރުގެ ހަކަތައިން ކަމަށާއި އަނެއް 94 އިންސައްތަ އުފައްދަނީ ޑީސަލް އަންދައިގެން ކަމަށެވެ.
"ސޯލާ ބޭނުން ކޮށްގެން ކަރަންޓް އުފައްދަން ސަރުކާރުން މި ދަނީ އަވަސް ފިޔަވަޅު ތަކެއް އަޅަމުން. ރާއްޖޭއަކީ ކޮންމެ އަހަރެއްގެ ވެސް އަދި ކޮންމެ މަހެއްގެ ވެސް ދުވާލަކު 12 ގަޑި އިރު އިރުގެ އަވި ލިބޭ ގައުމެއް, އެހެން ކަމުން ކަރަންޓް އުފައްދަން އިރުގެ ހަކަތަ ބޭނުން ކުރަން ރާއްޖެއަކީ ރަގަޅު ގައުމެއް" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ހުސެއިން ރަޝީދު އިތުރަށް ވިދާޅުވީ ސަރުކާރުން މިހާރު ކަރަންޓްގެ އަގަށް ހެޔޮ ބަދަލެއް ގެނެސް ކަރަންޓްގެ އަގު ހެޔޮ ކޮށްފައިވާ އިރު ކަރަންޓުގެ އަގު ހެޔޮ ކުރުމަށް އޮތް އެންމެ ރަގަޅު ވަސީލަތަކީ އިޔާދަ ކުރުވަނިވި ހަކަތަ ކަމަށެވެ.
ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު އެންމެ މަދު އެއް ގައުމުކަމުގައިވިޔަސް އެ އަދަދު މިހާރަށް ވުރެވެސް ކުޑަކުރުމަކީ މިސަރުކާރުގެ އަދި ކުރީގެ ސަރުކާރުތަކުގެ ވެސް އަމާޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ