އަޅުގަނޑަށް ތިޔަ ހުރަސް އަޅުއްވަނީ ގާނޫނު އަސާސީއާ ހިލާފަށް: އުމަރު

އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމުގެ ހަރަކާތަށް ހުރަސް އަޅަމުން ގެންދަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް އުމަރު ރޭ ބާއްވަން އުޅުނު ޖަލްސާއަށް ދިން ހުއްދަ މާލޭ ސިޓީ ކައުންސިލުން ކުއްލި ގޮތަކަށް ބާތިލުކޮށް އެ ޖަލްސާ ނުބޭއްވޭ ގޮތް ވަނީ ހަދާފައެވެ.
އެކަމާ ގުޅިގެން އުމަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އަށް ހުރަސް އަޅުއްވާ ހުރަސް އެޅުއްވުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފަށް ކުރައްވާ ކަމެއް ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ގާނޫނު އަސާސީ ހުއްދަ ކުރާ ކަމެއް ކަމަށެވެ.
"މިކަމުން ވެސް އެނގިގެން ދަނީ މި ސަރުކާރު އިންޑިއާގެ މުޝުތެރެއަށް ވެއްޓިފައިވާ މިންވަރު" އުމަރު ވިދާޅުވިއެވެ.
ރޭގެ ޖަލްސާ އުމަރު ބާއްވާފައިވަނީ އިދިކޮޅު ޕީޕީއެމްއަށް ދީފައިވާ ހުއްދައެއްގެ ދަށުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ އުމަރު އަމިއްލައަށް ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެދުމުން ހުއްދަ ނުދީފައެވެ.
އުމަރު ވަނީ ރާއްޖޭގައި ބޭނުންކުރާ އިންޑިޔާ ހެލިކޮޕްޓަރުތަކުގައި ހަރަކާތްތެރިވާ އިންޑިޔާ ސިފައިންނަކީ ރާއްޖޭގެ މިނިވަންކަން ނަގާލުމަށް މަސައްކަތް ކުރާ ބަޔެއް ކަމަށް ތުހުމަތު ކޮށްފައެވެ.
ނަމަވެސް ޑިފެންްސް މިނިސްޓަރު މާރިޔާ ދީދީ ވަނީ އުމަރުގެ ވާހަކަތަކަށް ނުސީދާ ގޮތުން ރައްދު ދެއްވައި އެއީ ހޮޅި ވާހަކަތަކެއް ގޮތުގައި ސިފަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ