ދަރިފުޅު ގޮވައިގެން ބަލޮޗިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ދިޔަ މެމްބަރު ބޭރުކޮށްފި

އިސްލާމްއާބާދު (މެއި 23): ޕާކިސްތާނުގެ ބަލޮޗިސްތާނުގެ ޕްރޮވިންޝަލް އެސެމްބްލީއަށް ދަރިފުޅު ގޮވައިގެން ވަޑައިގެންނެވި މެމްބަރު، މަޖިލީހުން ބޭރުކޮށްލި މައްސަލައަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ. މިދިޔަ މަހުގެ 29ގައި މެމްބަރު މަހުޖަބީން ޝިރާން އޭނާގެ ހަތް މަހުގެ ދަރިފުޅު ގޮވައިގެން މަޖިލީހަށް ވަޑައިގެންނެވީ އެކުއްޖާ ބަލިވެ އުޅެނިކޮށެވެ. އޭގެ ސަބަބުން އެހެން މެމްބަރުންނާއި މުވައްޒަފުން ވަނީ އެކަމަނާ މަޖިލިސް ދޫކޮށް ވަޑައިގެންނެވުމަށް އެދިފަ އެވެ. "އަޅުގަނޑަށް ޖެހުނީ [ދަރިފުޅު ގޭގަ ބަހައްޓާފަ] ސެޝަންއަށް ދާން ނުވަތަ ދަރިފުޅު ކައިރީ ގޭގައި މަޑުކުރަން. ދެން މަޖިލީހަށް ނުދާން ބޭނުން ނުވާތީ ނިންމީ ދަރިފުޅު ގޮވައިގެން ދާން،" ޝިރާން ވިދާޅުވި އެވެ. ޝިރާން އިތުރަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރޭގައި ބައެއް ފިރިހެން މެމްބަރުން ވަނީ އޭނާއަށް މަލާމާތްކޮށްފަ އެވެ. އަދި އެކަމަނާގެ ދިފާއުގައި އެއްވެސް މީހަކު ވާހަކަ ދައްކާފައި ނުވެ އެވެ. އޭގެ ސަބަބުން މަޖިލިސް މެމްބަރުންނަށް ފާޑު ވިދާޅުވި ފަރާތްތަކުގެ ތެރޭގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ އައުރަތު ފައުންޑޭޝަންގެ ރީޖަނަލް ޑިރެކްޓާ މުމްތާޒް މުގަލް ހިމެނެ އެވެ. އެގޮތުން އެފަދަ ހާދިސާތަކުގެ ސަބަބުން އަންހެނުންގެ ކާމިޔާބީއަށާއި މިނިވަންކަމަށް ހުރަސް އެޅޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ. "މުޖުތަމައުގެ އެންމެ މުހިއްމު މީހުންނާ މެދު މިގޮތަށް އަމަލު ކުރާ ނަމަ ގައުމު ކުރިއަރާނީ ކިހިނެއް؟ އެފަދަ ހާދިސާތަކުގެ ސަބަބުން ގައުމުގެ އަންހެނުންގެ ކާމިޔާބީއަށާއި މިނިވަންކަމަށް ހުރަސް އެޅޭ،" މުގަލް ވިދާޅުވި އެވެ. އެހާދިސާއަށް ފަހު ޝިރާން ގެންދަވަނީ ޕްރޮވިންޝަލް އެސެމްބްލީތަކާއި ސަރުކާރުގެ އޮފީސްތަކުގައި ޑޭކެއާ ހިދުމަތް ދެވޭނެ ގޮތް ހެދުމަށް މަޖިލިސް މެމްބަރުންގެ ތާއިދު ހޯއްދަވަމުންނެވެ. އަދި ގާނޫނު ހަދާ މަޖިލީހަށް ދަރިން ގެނައުމަށް ހުއްދަ ދޭ ބިލެއް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ