އެމެރިކާއާއި އިޒްރޭލުގެ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށް އަންގައިފި، އެހެން ގައުމުތަކުން ލަންކާއަށް ނުދާން ލަފާދެނީ

މިދިޔަ އާދީއްތަ ދުވަހު ޖާނުން ފިދާވެގެން ލަންކާގައި ދިން ބޮން ގޮއްވައިލުމުގެ ހާދިސާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، ސަލާމަތާއި ރައްކާތެރިކަމާ މެދު ބިރު ހީވެފައި ވާތީ، ބައެއް ގައުމު ތަކުން ލަންކާގައި ތިބި އެ ގައުމު ތަކުގެ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށް އަންގަން ފަށައިފި އެވެ.
ސްރީލަންކާގައި ތިބި އެ ގައުމު ތަކުގެ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށް އަންގާފައިވާ ގައުމު ތަކުގެ ތެރޭގައި އެމެރިކާ އާއި އިޒްރޭލު ހިމެނެ އެވެ.
މީގެ އިތުރުން ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި މެނުވީ މި ދުވަސްވަރު ލަންކާއަށް ދަތުރު ނުކުރުމަށް ވެސް ބައެެއް ގައުމުތަކުން އެ ގައުމުތަކުގެ ރައްޔިތުންނަށް ވަނީ އަންގައިފަ އެވެ. އޭގެ ތެރޭގައި އިނގެރޭސި ވިލާތާއި އިންޑިއާއާއި ކެނެޑާ އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.
މިދިޔަ އާދީއްތަ ދުވަހު ޖާނުން ފިދާވެގެން ލަންކާގެ އަށް ސަރަހައްދެއްގައި ދިން ބޮންގޮއްވައިލުމުގެ ހަމަލާގައި، މަރުވި މީހުންގެ އަދަދު 250 އިން މައްޗަށް އަރާފައިވާ އިރު، މިހާރު ވެސް އެތައް ސަތޭކަ ބަޔަކަށް ހޮސްޕިޓާތަކުގައި އަންނަނީ ފަރުވާދެމުންނެވެ. އަދި ތުހުމަތު ކުރެވޭ ބަޔަކާއި ފުލުހުންނާ ދެމެދު އިއްޔެ ރޭ ހިނގި ކުރިމަތިލުމެއްގައި ވެސް އިތުރު 15 މީހުން ވަނީ މަރުވެފަ އެވެ.
ލަންކާގައި ދިން މި ހަމަލާތަކުގެ ޒިންމާ އައިސިސް ޖަމާއަތުން އުފުލައިފައި ވާ އިރު، ލަންކާގެ ނެޝަނަލް ތައުހީދު ޖަމާއަތާއި ޖަމާއަތޭ މިއްލަތު އިބްރާހީމް ވެސް މި ހަމަލާގެ ފަހަތުގައި އޮތް ކަމަށް ބުނެ، އެ ދެ ޖަމާއަތުގެ ހަރަކާތްތައް ލަންކާގައި މިހާރު ވަނީ މަނާކޮށްފަ އެވެ. އެ ދެ ޖަމާއަތުގެ ހަރަކާތްތައް ލަންކާގައި މަނާކޮށްފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ރައީސް މައިތިރިޕާލަ ސިރިސޭނާއަށް ލިބިވަޑައިގަންނަވާ ޚާއްސަ ބާރުގެ ދަށުންނެވެ.
މި ހަމަލާތަކާ ގުޅިގެން ލަންކާގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިޔަށް ގެންދާ ޚާއްސަ އޮޕަރޭޝަނުގެ ދަށުން ސަރުކާރުގެ ގިނަ އަދަދެއްގެ އިސް ވެރީން ވެސް އަންނަނީ ހައްޔަރުކުރަމުންނެވެ.
އެ ގޮތުން ގިނަ އަދަދެއްގެ ކަނޑިތަކަކާ އެކު، ނިގަމްބޯގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަންސާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ކޮލަމްބޯގެ މުނިސިޕަލް ކައުންސެލަރު ނޫރްދީން ތާޖުއްދީން ވެސް ވަނީ ކަނޑިތަކަކާ ގުޅުން ހުރި މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ