އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން އިލެކްޝަން ކޮމިޝަން (އީސީ) ގެ ފަރާތުން ހޯދަން އެދުނު ލިޔުންތައް، އެފަރާތާ ހިއްސާ ނުކުރީ އެ ލިޔުންތަކުގައި ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭތީ ކަމަށް އީސީގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ، ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކަމެއްގެ މައުލޫމާތު ތަކުރާރުކޮށް އައިކޮމުން ހޯދަން މަސައްކަތް ކުރާތީ އައިކޮމް އާއި އީސީ ވަނީ ހިޔާލު ތަފާތުވުންތަކެއްގެ ތެރޭގައި ކަމަށެވެ.
"އެ ކޮމިޝަންއާ އިލެކްޝަންސް ކޮމިޝަނާ ދެމެދު ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއްގެ ތެރޭގައި. ވެ ނިމިފައި އޮތް ކަމެއްގެ މައުލޫމާތުތަކެއް ތަކުރާރުކޮށް އިންފޮމޭޝަން ކޮމިޝަނުން ހޯދަން މަސައްކަތް ކުރާތީވެ. އެ މައުލޫމާތުތަކަކީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ އަދި އާންމުކޮށްފިނަމަ ބައެއްގެ މަސްލަހަތު ގެއްލި އިންސާނީ ކަރާމާތަށް އުނިކަން އަންނާނެ ފަދަ ކަމެއް ކަމަށް އީސީއަށް ފާހަގަކުރެވޭ،" އަކްރަމް ވިދާޅުވި އެވެ.
ދެ ކޮމިޝަންގެ ހިޔާލު ތަފާތުވުމުގެ ތަފްސީލް ދެއްވަމުން އަކްރަމް ވިދާޅުވީ، ފާއިތުވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އީސީން ދާއިރާތައް ކަނޑައެޅި ދުވަސްވަރު، ލ. މުންޑޫ ކައުންސިލުން ވަނީ އެރަށް ހިމެނޭ ގަމު ދާއިރާއިން ވަކިވެ އިސްދޫ ދާއިރާއަށް ބަދަލުކޮށްދިނުމަށް އެ ކޮމިޝަނުގައި އެދިފައި ކަމަށެވެ. އަދި އެކަމާ ބެހޭގޮތުން އީސީން މުންޑޫ ކައުންސިލްގެ ބޭފުޅުންނާ މަޝްވަރާކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މުންޑޫގެ އާބާދީ އޮތް ގޮތަށް ބަލާފައި ބަޔަކު ވަނީ ކައުންސިލްގެ އެދުމާ ދެކޮޅަށް މުންޑޫ ގަމު ދާއިރާގައި ބޭއްވުމަށް އީސީ އަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ.
އަކްރަމް ވިދާޅުވީ ޕެޓިޝަން ކޮމިޝަނަށް ހުށަހެޅިއިރުވެސް، މާލެ ފިޔަވައި އެއްވެސް ދާއިރާއަކަށް ބަދަލެއް ނުގެނައުމަށް އީސީން ވަނީ ނިންމާފައި ކަމަށާއި ޕެޓިޝަންގެ ސަބަބުން އީސީގެ ނިންމުމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.
އެކަމަކު އެ ޕެޓިޝަންގައި ހިމެނޭ މީހުންނާއި މެދު ފިޔަވަޅު އަޅަން ބޭނުންވާ ކަމަށާއި ޕެޓިޝަންގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ބޭނުންވާ ކަމަށް ބުނެ މޫންޑޫ ކައުންސިލުން އީސީ އަށް ސިޓީއެއް ހުށަހެޅި އެވެ.
އެހެން ނަމަވެސް އެއީ އެ ކައުންސިލާއި ހިއްސާކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް އީސީން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނީ ހުދޫދުގެ ތެރެއިން އެބޭފުޅުންގެ ހިޔާލު ފާޅުކުރީމަ، އެބޭފުޅުންނަށް ފިޔަވަޅު އަޅާނެ ފުރުސަތެއް އިލެކްޝަންސް ކޮމިޝަނަކުން ނުދޭނަމޭ. އެހެންވީމާ އެއީ މޫންޑޫ ކައުންސިލަށް ހިއްސާ ކުރެވޭނެ މައުލޫމާތެއް ނޫނޭ،" އަކްރަމް ވިދާޅުވި އެވެ.
އޭގެ އިތުރުން އަކްރަމް ވިދާޅުވީ އީސީއަށް ހުށަހަޅާފައިވާ ޕެޓިޝަނަކީ ސިއްރު ޕެޓިޝަނެއް ކަމަށާއި ޕެޓިޝަންގައި ހިމެނޭ ބައެއް މީހުން އެކޮމިޝަނަށް ގުޅާ ރަށު ތެރޭގައި ބިރު ދައްކަމުންދާ ކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ.
ނަމަވެސް ކައުންސިލްގެ ސިޓީ ލިބުނު ދުވަސް ނޫން އޭގެ އަނެއް ދުވަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ ޕެޓިޝަން ހުށަހެޅި ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އެދުނު ކަމަށާއި އެ މައުލޫމާތު ހިއްސާ ނުކުރެވޭނެ ކަމަށް ދެންނެވުމުން، އެ މައުލޫމާތު ހިއްސާ ނުކޮށްފިނަމަ އާއްމުކޮށް ހުޅުވާލައިގެން މައްސަލަ ބަލާނެ ކަމަށް ބުނެ އީސީ އަށް އިންޒާރު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީސީން ވަނީ މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާ މަޝްވަރާކޮށްފަ އެވެ. ކޮމިޓީން ވެސް ވަނީ އީސީގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް ނިންމާފަ އެވެ.
އައިކޮމްއާ ލިޔުންތައް ހިއްސާ ނުކުރީ ތިންވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭތީ: އީސީ މެމްބަރު އަކްރަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ