ލަންކާ އަށް ލިބޭ ހިތާމައަކީ ރާއްޖެއަށް ވެސް ލިބޭ ހިތާމައެއް: މައުމޫން
ދިވެހިރާއްޖެއާއި ސްރީލަންކާއަކީ، ވަރަށް ޒަމާންވީ ގާތް އެކުވެރި ދެ ގައުމު ކަމަށާއި، އެއް ގައުމަކަށް ލިބޭ އުފަލަކީ އަނެއް ގައުމަކަށް ވެސް ލިބޭ އުފަލެއް ކަމަށާއި އެއް ގައުމަކަށް ލިބޭ ހިތާމައަކީ އަނެއް ގައުމަކަށް ވެސް ލިބޭ ހިތާމައެއް ކަމުގައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. މައުމޫން އެހެން ވިދާޅުވީ ލަންކާގެ ޒާހިރާ ކޮލެޖުގައި މި އަހަރު އޭލެވެލް ފަށާ ކުދިންނަށް މަރުހަބާ ކިޔުމަށާއި ހާޒިރީން އެންމެ މަތީ ވަނަތައް ހާސިލްކުރި ކުދިންނަށް އިނާމުދިނުމަށްޓަކައި އެ ކޮލެޖުގައި އިއްޔެ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ. އެމަނިކުފާނުގެ ވާހަކައިގައި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޓެރަރިސްޓުންގެ ބަޔަކު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވި ހާދިސާއަށް އަލިއަޅުވާލެއްވިއެވެ. މައުމޫން ވިދާޅުވީ އެ މައްސަލައިގައި ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދު ސްރީލަންކާގެ ރައްޔިތުންނާ އެކުގައި ވާކަމަށެވެ. ޓެރަރިޒަމްގެ އަމަލުތަކަކީ، އިސްލާމްދީނާ ހިލާފު އަމަލުތަކެއް ކަމަށާއި، އިސްލާމްދީނަކީ، ސުލްހައަށް ލޯބިކުރާ އަދި އެންމެންގެ މެދުގައި އެކުވެރިކަމާއި ރަޙްމަތްތެރިކަން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ ދީނެއް ކަމުގައި ވިދާޅުވިއެވެ. ރައީސް މައުމޫން ވަނީ ޒާހިރާ ކޮލެޖަކީ، ސަތޭކަ އަހަރަށްވުރެ ދިގު މުއްދަތެއްގައި ލަންކާގެ މުސްލިމުންނަށް ހދުމަތްކޮށްދީފައިވާ، އަދި ރާއްޖޭގެ ބައެއް މަޝްހޫރު ބޭފުޅުން ވެސް ތައުލީމު ހާސިލްކުރި މަދަރުސާއެއް ކަން ފާހަގަ ކުރައްވައިފައެވެ. އެމަނިކުފާނު ވަނީ އަލަށް އޭލެވެލް ގައި ބައިވެރިވި ކުދިންނަށް ހިތްވަރުދެއްވައިފައެވެ. އަދި ދަރިވަރުންނަށް ތައުލީމީ ހަޔާތުގައި ވެސް އަދި އޭގެ ފަހުންވެސް ކާމިޔާބީއަށް އެދިފައެވެ. ރައީސް މައުމޫނަށް މަރުޙަބާ ދެންނެވުމުގެގޮތުން ޒާހިރާ ކޮލެޖުގެ ޗެއާމަން ފައުޒުލްހަމީދު ވިދާޅުވީ ރައީސް މައުމޫނަކީ އެމަނިކުފާނުގެ ޒުވާން އިރުއްސުރެ ނަމޫނާ ޝަޚްސިއްޔަތެއް ކަމުގައި ބައްލަވާ ބޭފުޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ