ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ބުނީ، ރައީސް މައުމޫންގެ ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ހާލުބައްލަވާލައްވަ ބައްދަލުކޮށްލަން ބޭނުންފުޅުވާތީ، އެކަމަށް ދައުވަތު އަރުވާ ކަމަށެވެ.
ބައްދަލުވުން އޮންނާނީ މާދަމާ ހަވީރު މެލޭޝިއާ ގަޑިން 4:30 ގައި ކުއަލަންޕޫރުގައި ހުންނަ ސެރީ ޕިސިކް ހޮޓެލްގައެވެ.
ރައީސް މައުމޫން މެލޭޝިއާއަށް ފުރާވަޑައިގަތީ މިދިޔަ ބުދަ ދުވަހުއެވެ. އަދި އެ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ޑރ. މަހާތިރް ބިން މުހައްމަދާ ވަނީ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބޮޑުވަޒީރު މަހާތިރް ރާއްޖެ ވަޑައިގެންނެވުމަށް އެދި ދެއްވި ދައުވަތުގެ ސިޓީފުޅު ރައީސް މައުމޫން ވަނީ މަހާތިރްގެ އަތްޕުޅަށް އައުވާފައިވެއެވެ.
ދެބޭފުޅުން ބޭއްވެވި ބައްދަލުވުމުގައި ރައީސް މައުމޫންވަނީ، ދިވެހިންނަށް ދަތިވެފައިވާ ވިސާގެ މައްސަލަ މަހާތިރާ ހިއްސާކުރައްވައިފައެވެ. އަދި އެކަމުގެ ޑިޕްލޮމެޓިކް ޗެނަލްއިން މަސައްކަތްކޮށް އަވަސް ހައްލެއް ލިބިވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާކަމަށް ދެންނެވިއެވެ.
ރައީސް މައުމޫންގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްއާރުއެމްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަބްދުﷲ ކަމާލުއްދީނާއި އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގަންނަވައެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ، ރައީސް މައުމޫން ބައްދަލުކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ