ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރު ކުރަން ފުރުސަތު ލިބުމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ލުތުފީ މަރުވަންދެން ލަންކާގައި ބެހެއްޓުމަށް ވިދާޅުވިކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން މިދިޔަ ސަރުކާރުގައި ލުތުފީ ހައްޔަރު ކުރުމުގެ ފުރުސަތު ލިބުނުކަން އެނގެން އޮތްކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި ލުތުފީ މަރުވަންދެން ލަންކާގައި ބެހެއްޓުމަށް އުމަރު ވިދާޅުވީ ލުތުފީ ހައްޔަރު ކުރުމަށް ހުއްދައަށް އެދުމުން ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.
ފާއިތުވި ފަސް އަހަރުތެރޭ ރާއްޖެ ނުގެނެވުނު ލުތުފީ މި ސަރުކާރުން އިރާދަކުރެއްވިއްޔާ ގެންނާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.
19 ދިވެހިންގެ ޝަހީދުވި 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ ހަމަލާގެ ޝަރީއަތަށް ފަހު ލުތުފީ މަރަން ހުކުމް ކުރި އެވެ. އޭރުގެ ރައީސް، ރައީސް މައުމޫނު ފަހުން ވަނީ ލުތުފީގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރައްވައިފަ އެވެ. ލުތުފީ ފިލާފައި ވަނީ 2010 ވަނަ އަހަރު ލަންކާއަށް ބޭސްފަރުވާއަށް ފޮނުވުމުންނެވެ. އޭނާ ހޯދައި ހައްޔަރުކޮށް ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ މައްޗަށް 2012 ވަނަ އަހަރުގެ މާޗް މަހުގެ 26 ގައި ކޯޓުން އަމުރެއް ކޮށްފައިވެ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ލުތުފީ ހޯދަން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.
މަހުލޫފުގެ މި ޓުވީޓާ ގުޅިގެން އުމަރު ނަސީރު ވަނީ މަހުލޫފަށް ރައްދުދެއްވައި ޓުވީޓެއް ކުރައްވައިފަ އެވެ.
"ވަޒީރެއްގެ ހުވާ ކުރައްވައިގެން ހުންނަވައި މަހުލޫފު އިތުރުފުޅު ނުހައްދަވާ! ލުތުފީ ގެންނަވާ!" އުމަރު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
ކުރީ ސަރުކާރަށް ލުތުފީ ހައްޔަރު ކުރަން ފުރުސަތު ލިބުމުން މަރުވަންދެން ލަންކާގައި ބެހެއްޓުމަށް އުމަރު ވިދާޅުވި: މަހުލޫފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ