އެޖެންޑާ 19 އަށް ރައްޔިތުން "އޯކޭ" ދީފި، އެމްޑީޕީއަށް 66 ގޮނޑި

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ލިބިފައިވާ އިރު މިހާތަނަށް ލިބިފައިވާ ނަތީޖާއިން ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއަށް މަޖިލީހުގެ 66 ގޮނޑި ކާމިޔާބު ކުރެވުނުކަމަށް ދައްކައިފިއެވެ.
މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ސިޔާސީ ޕާޓީތައް މަޖިލީހުގެ އިންތިހާބަށް ވާދަކުރަން ފެށިފަހުން އެއްޕާޓީއަކަށް މިހާބޮޑު އަދަދެއްގެ މެމްބަރު ލިބުނު ފުރަތަމަ ފަހަރެވެ.
މަޖިލީހުގައި 87 ދާއިރާ ހިމެނޭއިރު އެމްޑީޕީން ވާދަކުރީ 85 ދާއިރާއަށެވެ. އެހެން ކަމުން އެމްޑީޕީން 66 ގޮނޑި ކާމިޔާބު ކުރާނެކަމަށް މިހާރު ބެލެވޭއިރު އެއީ މަޖިލީހުގެ ސްޕަ މެޖޯރިޓީ ނުވަތަ މަޖިލީހުގެ ތިން ބައިކުޑަ ދެ ބަޔަށް ވުރެވެސް އިތުރު އަދަދެކެވެ.
މަޖިލީހުގެ ސްޕަ މެޖޯރިޓީ ހޯދުމަށް ބޭނުންވަނީ 58 ގޮނޑިއެވެ. އެމްޑީޕީއަށް މި ލިބުނު ކަމިޔާބީއާއިއެކު އެހެން ޕާޓީއެއްގެ މެމްބަރުންގެ އެހީއާއި ނުލައި ޤާނޫނު އަސާސީއަށް ބަދަލު ގެނައުމާއި ފަނޑިޔާރުން މަޤާމުން ދުރުކުރުން ފަދަ ބޮޑެތި ބާރުތަކެއް ލިބިގެން ދާނެއެވެ.
މަޖިލިސް އިންތިހާބަށް އެމްޑީޕީން ނިކުތީ ރައްޔިތުންނާއި ގުޅުންހުރި 19 ޤާނޫނެއް އެކުލެވޭ "އެޖެންޑާ 19" އާއި އެކުގައެވެ. އެއާއިއެކު އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ އެމްޑީޕީގެ އެޖެންޑާ 19 އަކީ ނުރައްކަލެއްކަމަށާއި އެއީ ޤައުމަށް ހަލާކެއް ކަމުގައެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކަތަކަށް ބެލުމެއް ނެތި ރައްޔިތުން މިވަނީ އެޖެންޑާ 19 އަށް ރުހުން ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ