އަމާޒަކީ އަމިއްލަ މީހުންގެ އަޅުވެތިކަމުން ރައްޔިތުން ސަލާމަތް ކުރުން - ޢަލީ

ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންފިނަމަ އެންމެ ބޮޑު އަމާޒަކަށްވާނީ ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތްތަކުގެ އަޅުވެތިކަމުން ރައްޔިތުން ސަލާމަތްކޮށް، ދައުލަތް މެދުވެރިކޮށް ރައްޔިތުން ބާރުވެރިކުރުވުންކަމަށް ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްއުސްތާޛު ޢަލީ އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ހިތަދޫ އެކި ސަރަހައްދުތަކުގައި ބާއްވަމުންދާ ކަންމަތީ ބައްދަލުވުންތަކުގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ، ރާއްޖޭގައި ޚާއްސަކޮށް ހިތަދޫ އުތުރު ދާއިރާގައިވެސް ވިޔަފަރިވެރިންނާއި ބައެއް އަމިއްލަ ފަރާތްތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ރައްޔިތުން އެބަތިބި ކަމަށާއި، އޭގެ ސަބަބުން އެރައްޔިތުން ބޮޑެތި އަދަދުން ދަރަނިވެރިވެ މިނިވަންކަމާއެކު ވޯޓުވެސް ލެވޭނެގޮތެއް ނެތްކަމަށެވެ.
އަލީ ވިދާޅުވީ ސިއްޚީ ކަންކަމާއި އަސާސީ ޚިދުމަތްތަަކާއި އަދި އެހެނިހެން ޒަރޫރީ ބޭނުންތަކުގައި މުޅިވެސް ބަރޯސާވާންޖެހިފައޮތީ ވަކިވަޔަކައްކަން ފާހަގަކުރައްވާ، ޢަލީ ވިދާޅުވީ ރައްޔިތުން ބަރޯސާވާންޖެހޭނީ ދައުލަތައް ކަމަށެވެ. އަދި ވަކިވަކި ވިޔަފާރިވެރިން ނޫނީ އެހެންވެސް ފަރާތްތަކަށް ރައްޔިތުން އަސާސީ ކަންކަން ފުރިހަމަ ކުރުމަށް ބަރޯސާވުމަކީ ދައުލަތައްވެސް ހުރި ނުރައްކަލެއްކަމަށެވެ.
"މި ދައުލަތް ކުރިއަރުވައިގެން ނޫނީ އެއްވެސް މީހަކަށް ރައްކަލެއް ނެތް. ރައްޔިތުމީހާ ސިއްޙަތައް ސަލާންޖެހުމަކީ އެއީ ދައުލަތަށް ހުރި ނުރައްކަލެއް. އެހިސާބަށް ދާއިރު ދާއިރާގެ މެންބަރުގެ މަސްއޫލިއްޔަތެއް ރައްޔިތު މީހާގެ އަސާސީ ޚީދުމަތްތައް ދައުލަތް މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ. އެކަން ކުރާނެ، ދައުލަތް ކުރިއަރުވާނެ މެންބަރުން މަޖިލީހައް ހޮއްވަވާ" ޢަލީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ވަކިވަކި ފަރުދުންނަށް ބަރޯސާވުމަކީ ވޯޓުފަދަ އަސާސީ ހައްޤުތަކަށް އެމީހުން ނުފޫޒު ފޯރުވަން ހުޅުވޭ ދޮރެއްކަމަށެވެ. ވޯޓަކީ ކޮންމެ ފަސްއަހަރަކުން ރައްޔިތުނަށް ލިބޭ ވަރަށް މުހިއްމު ބާރެއްކަމަށާއި އެބާރު ވަކިބަޔަކު ނުވަތަ މީހަކު ބުނާގޮތަކަށް ދޫކޮށްނުލުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
"މިފަހަރު ވޯޓު ދެއްވާއިރު ވިސްނަވަންވީ އެތަނަށް ފޮނުވާ މެންބަރަކީ ހަޤީޤަތުގައިވެސް ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެވޭނެ އަދި ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކުރެވޭނެ މީހެއްތޯ؟ ދައުލަތް މެދުވެރިކޮށް ރައްޔިތުންނަށް ކަމެއް ކޮށްދޭން ހުށަހަޅާ މީހެއްތޯ ނުވަތަ އަމިއްލަ ވިޔަފާރިން ކަމެއް ކޮށްދޭ މީހެއްތޯ؟ ތިބޭފުޅުންގެ ހައްޤެއް އުނިވާ ކޮންމެފަހަރަކު އިތުރު މީހެއްގެ އެހީ ނުހޯދާ އެކަމާދެކޮށް ވަކާލާތު ކުރެވޭނެ މީހެއްތޯ ނުވަތަ ނޫންތޯ؟ މިކަންކަމަށް ބައްލަވާފަ ވޯޓު ދެއްވާ" ޢަލީ ވިދާޅުވިއެވެ.
ވަކި މީހެއް ނުވަތަ ގުރޫޕަކުން ރައްޔިތުންގެ މަޖިލީހަށް ނޫފޫޒު ފޯރުވަން ފުރުސަތު ދެއްވައިފިނަމަ ރައްޔިތުން ބިކަވާނެކަން ފާހަގަކުރައްވާ ޢަލީ ވިދާޅުވީ، އޭރުން ހަމައެކަކަށްވެސް އިންސާފެއްވެސް އަދި ހަމަހަމަ އުސޫލުގެ ތެރެއިން އެއްވެސް ކަމެއް ހާސިލްނުވާނެކަމަށެވެ.
"އެފަދަ މީހުން މަޖިލީހަށް ފޮނުވީމަ، އެމީހުންގެ މުސާރަ އަމިއްލައަށް ބޮޑުކޮށް، އިންތިޔާޒުތައް އަމިއްލައަށް ކަނޑައަޅައިގެން ރައްޔިތުންގެ ހައްޤުތަކަށް އަރިގަންނަތަން އަޅުގަނޑުމެންނަށް ފެންނާނީ. އެކަން 18 ވަނަ މަޖިލީހުން ފެނިއްޖެ. އަޅުގަނޑު މިދަންނަވަނީ މެންބަރުންގެ މުސާރައާއި އިމްތިޔާޒުތައް ކުޑަކުރަން ހުށަހަޅާނަން. އަދި ގަޑިއަށް ހާޒިރުނުވާ މެންބަރުންގެ އަތުން ގަޑީ ލާރިކަނޑަން ތާޢީދުކުރާނަން. ނިކަމެތި ރައްޔިތުން 1 މިނެޓް ގަޑިޖެހުނީމަ ފައިސާ ކަނޑާގޮތަށް މަޖިލިސް މެންބަރުންވެސް ގަޑިޖެހޭނަމަ މުސާރައިން އުނިކުރަންޖެހޭނެ." ޢަލީ ވިދާޅުވިއެވެ.
އަލްއުސްތާޛު ޢަލީ އިބްރާހީމް ވާދަކުރައްވަނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ތާޢީދާއެކުގައެވެ. ނަމަވެސް ޢަލީ ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރައްވާނީ ހުރިހާ ސިޔާސީ ޕާޓީތަކާއި ގުޅިގެންކަމަށާއި ރައީސް އިބްރާޙީމް މުހައްމަދު ސޯލިހާއި ރައީސް މައުމޫން އޭނާއަށް ތާޢީދުކުރެއްވުމަކީ ވަކި ސިޔާސީ ފިކުރަކަށް ހުސްވެގެން މަސައްކަތް ކުރައްވާނެ ސަބަބެއް ނޫންކަމަށެވެ. އަދި އެބޭފުޅުންގެ ތާޢީދުއޮތުމަކީ ދައުލަތް މެދުވެރިކޮށް ތަރައްޤީއާއި ރައްޔިތުން ބާރުވެރިކުރުމަށް ފަސޭހަވާނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އަލްއުސްތާޛު ޢަލީ އިބްރާހީމަކީ ހިތަދޫ އުތުރު ދާއިރާއަށް އުފަން އެދާއިރާގައި އުޅުއްވާ ޤާނޫނީ ވަކީލެކެވެ. އަދި އޭނާ ދަނީ ހިލޭސާބަހަށް ގިނަ ބަޔަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ