ޕެނަލްތަށް ގަންނަން ލިބޭކަށް ނެތް –އުމަރު

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގައި ހިނގި އަލިފާނުގެ ހާދިސާގައި ހަލާކުވެފައިވާ ޕެނަލް ބޯޑުތަކަކީ ގަންނަން ލިބެން ހުރި އެއްޗެހި ނޫންކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ފެންކުންފުންޏަށް ލިބިފައިވާ ގެއްލުންތައް ނޫސްވެރިންނަށް ދައްކާލުމަށް ފަހު، ޓާސްކް ފޯސްގައި ހިމެނިވަޑައިގަންނަވާ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެކުންފުނީގެ ޖަނެރޭޓަރުތަކަށާއި ފެންޕްލާންޓްތަކަށް ގެއްލުމެއް ލިބިފައި ނުވިނަމަވެސް މި ހާދިސާއާ ގުޅިގެން ޕެނަލްތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އަދި އެ ޕެނަލްތަކަކީ ވިއްކަން ހުންނަ އެއްޗެއް ނޫން ކަމަށާއި ސިންގަޕޫރުގެ ކުންފުންޏަކާ ގުޅިގެން މީގެ 2 ޕެނަލް މިހާރު ވަގުތުން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އޭގެ ތެރެއިން 2 ޕެނަލް ހެދުވުމުގެ މަސައްކަތް މިހާރު އަހަރުމެން ސިންގަޕޫރްގެ ކުންފުންޏަކާ ހަވާލުކޮށްގެން މިގެންދަނީ ކުރުވަމުން. ބެލެވޭ ގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރުތެރޭ އެ ދެ ޕެނަލް ހަދާ ނިމޭނެ. މިއީ އެމީހުން ދޭ އަންދާޒާ" އުމަރު ވިދާޅުވި އެވެ
އަދި އެ ދެ ޕެނަލް ރާއްޖެ ގެނެސް ގުޅާ އިންސްޓޯލްކޮށް ޓެސްޓްކޮށް ހެދުމަށްޓަކައި އަދި ހަތަރެއް ނުވަތަ ފަސް ދުވަސް ނަގާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
މިހާރުން މިހާރަށް ހައްލެއް ހޯދުމަށްޓަކާ އެމްޑަބްލިއުއެސްސީގައި ހަދާފައި ހުރި ޕެނަލްތަކުގެ ތެރެއިން ބޭނުންކުރެވޭ އެއްޗެހި ނަގައިގެން އާރްއޯ ޕްލާންޓެއް އުފައްދާފައިވާ ކަމަށާއި އަދި ދެވަނަ ޕެނަލެއް އުފެއްދުމުގެ މަސައްކަތް މިއަދު ފެށޭވަރުވާނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މި މައްސަލައަށް މުޅިން ހައްލެއް ލިބުމަށް 7 ނުވަތަ 10 ދުވަސް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ