ލުތުފީ އާއި ބެހޭ މައުލޫމާތެއް ދިން މީހަކަށް ދިހަ ހާސް ޑޮލަރު ދޭނަން – އުމަރު

1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވާ އެހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު އަދި މިހާރު ފިލައިގެން އުޅޭ އަބްދުﷲ ލުތުފީ ހައްޔަރު ކުރެވޭފަދަ މައުލޫމާތެއްދޭ ފަރާތަކަށް ދިހަ ހާސް އެމެރިކާ ޑޮލަރު (އެއްލައްކަ ފަންސާސް ހަތަރުހާސް ދުއިސައްތަ ރުފިޔާ) ދޭން ސަރުކާރުން ނިންމައިފިއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތ.ދިޔަމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ އުދުވާނީ ހަމަލާ ރޭވުމުގައ އިސްކޮށް ހުރި ލުތުފީ 2010 ވަނަ އަހަރު ބޭސް ފަރުވާއަށް ކަމަށް ބުނެ ފިލައިގެން ގޮސްފައިވާ ކަމަށާއި ލުތުފީ ރާއްޖެއިން ބޭރަށް ފޮނުވާލުމުގައި އޭރުގެ ސަރުކާރުގެ ރޯލެއް އޮތް ކަމަށެވެ.
ނަމަވެސް ލުތުފީ ހޯދައިގެން ގެނެސް، އޭނާއަށް އިއްވިފައިވާ ހުކުމްގެ ބާކީ އޮތް ބައި ސަރުކާރުން ތަންފީޒުކުރާނެ ކަމަށް ވެސް އުމަރު ނަސީރު މިރޭ ވިދާޅުވިއެވެ.
"މިރޭ އަޅުގަނޑު އިއުލާން ކުރަން ހ.ހާޖަރާގޭ އިބްރާހިމް ލުތުފީ ހައްޔަރުކުރުމަށް މަގުފަހިކޮށްދޭ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ފޯރުކޮށްދިން ފަރާތަކަށް 10،000 ޑޮލަރުގެ އިނާމެއް އަޅުގަނޑުމެން ސަރުކާރުން ދޭނަން. އިރާދަކުރެއްވިއްޔާމުން 10،000 ޑޮލަރުގެ އިނާމް އޮތްކަން އަޅުގަނޑުމެން ސްރީލަންކާގައި އާއި އިންޑިއާގައި އިއުލާން ކުރާނަން." ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
ލުތުފީ ހޯދުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގައި އެ ދެ މީހުންނާ ބެހޭ މައުލުމާތު ހިއްސާކުރާ ފަރާތަކަށް ކުރިން ދޭން ކަނޑައަޅާފައި އޮތީ 75،000 ރުފިޔާއެވެ.
ނޮވެމްބަރު ތިނެއްގެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ލުތުފީގެ މައްޗަށް އޭރު ރާއްޖޭގެ އެންމެ މަތީ ކޯޓު، ހައި ކޯޓުން މަރަން ހުކުމްކުރި ނަމަވެސް އޭރުގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކުރައްވާފައެވެ.
އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން، ލުތުފީ ބޭހަށް ފޮނުވަން ހުއްދަ ދިނީ ޖެނުއަރީ 2010 ގައި އެއް އަހަރުގެ މުއްދަތަށެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެ އެވެ. ބޮޑެތި ކުށްވެރިން ބޭހަށް ފޮނުވަނީ ސަލާމަތީ ކަންތައް ބަލަހައްޓާނެ ފުލުހުން ނުވަތަ ސިފައިންގެ ބަޔަކާއި އެކު ނަމަވެސް އެފަހަރު ސިފައިންގެ މީހަކު ވެސް ފުލުހަކުވެސް ފޮނުވާފައެއް ނުވެ އެވެ.
މައުމޫން ސަރުކާރުގެ ދުވަސްވަރު ވެސް ބޭސްފަރުވާ އަށް ލުތުފީ ރާއްޖެ އިން ބޭރަށް ފޮނުވި އެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު ވެސް ބޭސްކުރަނީ ސަލާމަތީ ގޮތުން އޭނާ ބަލަހައްޓާ ބަޔަކާ އެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ