ހައްދުފަހަނައަޅާފައިވާ ފިކުރުތަކުގައި ތިބީ މަދު ބައެއް - އުމަރު

ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރުތައް ކުރިއަރާ ގޮސްފައިވާ ނުވާ ކަމަށާއި އެފަދަ ފިކުރުތަކުގައި ތިބީ މަދު ބަޔަކު ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީއާއި ހޯމް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ ހުރިހާ މުއައްސަސާއަކުން މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރުމަށް މިއަދު ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ހައްދުފަހަނައަޅާފައިވާ ފިކުރުތައް ކުރިއަރާ ގޮސްފައިވާ ނުވާ ކަމަށާއި އެފަދަ ފިކުރުތަކުގައި ތިބީ މަދު ބަޔަކު ކަމަށެވެ. އަދި އެފަދަ ފިކުރުގެ ބަޔަކު އުޅޭކަން ފާހަގަކުރެވިއްޖެ ނަމަ އެކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ފިޔަވަޅު ނާޅާ ނަސޭހަތް ދިނުން ކަމަށެވެ.
"އެގޮތަށް ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރަމުންދިޔަ މީހުންނަށްވެސް އަޅުގަނޑުމެން ނަސޭހަތްދީ އެކަން ރަނގަޅުކުރަން އެންގިން. އެއަށްފަހު އަޅުގަނޑުމެން ބާރުގެ ބޭނުންކޮށް ފިޔަވަޅު އެޅީ. މިހާރު އެކަން ރަނގަޅުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ރ. އަތޮޅު މަޑުއްވަރީގައި ވަކިން ޖަމާއަތް ހަދައިގެން ބަޔަކު ނަމާދުކޮށް ހުކުރު ކުރާ މައްސަލަ ނުހުއްޓުވަނީ ކީއްވެގެންތޯ ނޫސްވެރިޔަކު ސުވާލު ދެންނެވުމުން އުމަރު ވިދާޅުވީ އެރަށަށް ފުލުހުން ފޮނުވައިގެން އެކަން ހުއްޓުވާ ވަރަށް އެރަށުގައި ބަޔަކު ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާކަން ފުލުހުންނަށް އެނގިފައި ނުވާ ކަަމަށެވެ. އަދި އެރަށު ކައުންސިލުން އެތައް ފަހަރަކު އެމަނިކުފާނާ ބައްދަލުކުރައްވާފައިވާ ކަމަށާއި ކައުންސިލުންވެސް އެހާ ގިނަ ބަޔަކު ވަކިން ޖަމާއަތް ހަދައިގެން މަޑުއްވަރީގައި ނަމާދުކޮށް ހުކުރު ކުރާ ކަމަށް މައުލޫމާތު ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޑުއްވަރީގެ ތިން މީހަކު ޖިހާދަށް ދިއުމަށްޓަކައި ސްރީލަންކާ މަގުން ތުރުކީއަށް ދާން އުޅެނިކޮށް ހައްޔަރުކޮށް ރޭ މާލެ ގެނައި މައްސަލާގައި މިނިސްޓަރު ވިދާޅުވީ އެމީހުން މިހާރު ކޯޓުން އަންގައިގެން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނަށް ރާއްޖެއިން ނުފުރޭނެ ގޮތްތަކެއް ހަދަމުންދާ ކަމަށާއި ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ ދެ މީހަކީ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ ދެ މީހުން ކަމަށް އެނގިވަޑައިގަތީ ވަރަށް ފަހުން ކަމަށެވެ. އަދި އެމައްސަލަވެސް މިހާރު ބަލަމުންދާ ކަމަށް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަޑުއްވަރީއަށް ވަރަށް ގިނައިން ފުލުހުން ގޮސް އެރަށުގައި ހުރި މައްސަލަތައް ބަލާ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. މަޑުއްވަރީގެ ބަޔަކު ޖިހާދަށް ދިޔަ ކަަމަށް ބުނާ މައްސަލަތަކަކާއި އެރަށުގައި ވަކިން ޖަމާއަތް ހަދާ ނަމާދުކުރާ ކަމަށް ބުނާ މައްސަލަތަކެއް މީޑިއާ އިން ފާހަގަކުރަމުންދާތީ މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް ގާއިމްވުމުން ގިނަ ކަންކަމަށް ހައްލު ގެނެވޭނެ ކަމަށެެވެ. އަދި އެރަށުގައި ޕޮލިސް ސްޓޭޝަނެއް ގާއިމްކޮށްދިނުމަށް ރަށު ކައުންސިލުން އެދެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ