ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ގާނޫނީ ދާއިރާ ތަމްސީލް ކުރާ މެންބަރެއްގެ މަގާމު ހުސްވެފައިވާތީ އެމަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން އަނެއްކާވެސް ހުޅުވާލައިފި އެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ގާނޫނީ ދާއިރާގެ މެންބަރަކު ޢައްޔަންކުރެއްވުމަށް އަލުން އިއުލާނުކޮށްފައި މިވަނީ އެ މަގާމަށް ކުރިމަތިލާން ޖަނަވަރީ، 27، 2020ގައި ރައީސް އޮފީހުން ހުޅުވައިލުމުން އެކަމަށް ކުރިމަތިލެއްވި ފަރާތައް ރުހުން ދޭން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާތީ އެވެ. ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޓްރައިބިއުނަލަށް ގާނޫނީ ދާއިރާގެ މެމްބަރަކު އައްޔަނުކުރުމަށްޓަކައި މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ މަގާމަށް ކުރިމަތިލާން ހުށަހަަޅާ ލިޔުންތައް ބަލައިގަންނާނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 2:00 އަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެކަމަށް އެދޭ ފޯމާއި، އިގްރާރާއި ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމާއި ކުރިމަތިލާ މީހާގެ ވަނަވަރު ހުށަހަޅަން ޖެހެ އެވެ. ރައީސް އޮފީހުން މިއަދު ކުރި އިއުލާނުގައި ވަނީ ޓްރިބިއުނަލްގެ މެމްބަރުގެ މަގާމުގައި ހުންނަ ފަރާތުގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކާއި ޝަރުތުތައް އާންމުކޮށްފަ އެވެ. އެގޮތުން އެމީހަކީ ގާނޫނީ ދާއިރާގައި ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މާލީ، ޓެކްސް، ވިޔަފާރި، އާއި އިގްތިސާދު ނުވަތު ގާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ވަރުގެ ގާބިލު ފަރާތެއްކަމުގައި ވާން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ