ރާއްޖެ އައި ބޫޓާން ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑަށް ޓެސްޓު ކޮށްފި

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ކްލަބް އީގަލްސް އާއި ދެކޮޅަށް ކުޅުމަށް މާލެ އައި ބޫޓާނުގެ ތިމްޕޫ ސިޓީ އެފްސީގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް ޓެސްޓުކޮށްފިއެވެ.
މިކަން ހާމަކޮށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މީސްމީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މުބާރާތުގައި ރާއްޖޭގެ ކްލަބް އީގަލްސް އާއި ދެކޮޅަށް ކުޅުމަށް އައި ބޫޓާންގެ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން، ރާއްޖެ އައުމާއެކު އެކުޅުންތެރިން މަޑުކުރަން ހަމަޖެހިފައިވާ ހޮޓަލުގައި ކޮވިޑަށް ޓެސްޓު ކޮށްފައިވާ ކަމަށެވެ. ތިމްޕޫ ސިޓީ އެފްސީގެ ކުޅުންތެރިންނާއި އޮފިޝަލުން މަޑުކޮށްފައިވަނީ މާލޭގައި ހުންނަ އުނިމާ ގްރޭންޑް ހޮޓެލުގައެވެ.
އަދި ހޯމަ ދުވަހުގެ ވަގުތުގައި ރާއްޖޭގެ ކްލަބް އީގަލްސްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންވެސް ކޮވިޑަށް ޓެސްޓު ކޮށްފައިވާކަން އެފްއޭއެމްގެ ޕޯސްޓުގައި ހާމަކޮށްފައިވެއެވެ. މި މެޗަށް ތައްޔާރުވުމުގެ ގޮތުން އީގަލްސް ޓީމު ވަނީ ހޮޓެލް ޖެންގައި ކަރަންޓީނުވެފައެވެ.
މެޗުތަކަށް ހާއްސަކޮށް ހެދިފައިވާ ޕްރޮޓޮކޯލްގެ ދަށުން، މެޗު ކުޅުމަށްވެސް އަދި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްވެސް ޓީމުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ދަނޑަށް ވަދެވޭނީ، ކަނޑައެޅިފައިވާ ރޭންޖެއްގައި ހަށިގަނޑުގެ ފިނިހޫނުމިން ހުންނަ ފަރާތްތަކަށް އެކަންޏެވެ. މީގެއިތުރުން ދަނޑަށް ވަނުމަށްޓަކައި ނެގެޓިވް ކޮވިޑް ޓެސްޓް ނަތީޖާއެއްވެސް ބޭނުންވާނެއެވެ.
މި ފަހަރުގެ ކޮލިފައިންގެ ޖާގައެއް އީގަލްސްއަށް ލިބުނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދައިގެންނެވެ. ދެން ކޮލިފައިންގައި ހިމެނޭ ޓީމުތަކަކީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި، ނޭޕާލުގެ އާމީ ކުލަބާއި، ސްރީ ލަންކާ ޕޮލިސް އަދި ބޫޓާނުގެ ތިމްޕޫ ސިޓީ އެފްސީ އެވެ.
އޭއެފްސީން ތާވަލުކޮށްފައިވާ ގޮތުން ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް އާއި ތިމްޕޫ ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ހަވީރު މާލޭގައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ކޮލިފައިންގައި ކުޅޭނީ އެއް ލެގު ކަމަށް އޭއެފްސީން ވަނީ ނިންމާފައެވެ.
މީގެ އިތުރުން އީގަލްސްއިންވެސް ވަނީ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން މިދިޔަ ޓްރާންސްފާގައި ބައެއް ކުޅުންތެރިން ގެނެސްފައެވެ. އެގޮތުން ލުބުނާނުގެ ޒުވާން ޤައުމީ ޓީމަށް ކުޅެފައިވާ ގޯލްކީޕަރު މުޙައްމަދު ތޯހާ އާއި، ރަޝިއާގެ ފޯވާޑް ވްލަޑިސްލާވް ކޮރްމިޝިނާއި، ކުލަބު ގްރީން ސްޓްރީޓްސްއަށް ކުޅެމުން އައި މިސްރުގެ ޑިފެންޑަރު އެލްސައީދު މަހުމޫދުގެ އިތުރުން ތަޖުރިބާކާރު މިޑްފީލްޑަރު އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ އީގަލްސްއާ ގުޅިފައެވެ.
މި ފަހަރުގެ ކޮލިފައިންގައި ތިމްޕޫއާ ދެކޮޅަށް އީގަލްސް ނުކުންނައިރު، އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.
ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާގެ އިތުރުން ދެން ގްރޫޕް ސްޓޭޖުގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.
އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ބާއްވާއިރު، ޕްރިލިމިނަރީ ބުރާއި ޕްލޭ-އޮފް ބުރަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ