އެމްޑީޕީގެ އެތެރޭގެ އިންތިޚާބު: އަލިފުށި ދާއިރާގެ ރައީސްކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން!

އަންނަ މެއިމަހުގެ 29ވަނަ ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، އެޕާޓީގެ އަލިފުށި ދާއިރާގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ކުރިމަތިލައްވަން ނިންމަވައިފިއެވެ.
އެބޭފުޅާ މިކަން ހާމަކުރައްވާފައިވަނީ އަމިއްލަ ފޭސްބުކް އެކައުންޓްގައި އާންމުކުރެއްވި ކުރު ސްޓޭޓަސްއެއްގައެވެ.
މެންބަރު ހަސަންޓޭ ވިދާޅުވީ އަލިފުށި ދާއިރާއަކީ ދިވެހިރާއްޖޭގެ އިޞްލާހީ މަސައްކަތުގެ ނާރެހެެއްކަމަށެވެ. އެގޮތުން އެދާއިރާއަކީ އެމްޑީޕީގެ ފެށުމާއި، އެޕާޓީގެ ހަރަކާތްތަކާއި، ޕާޓީއަށް ލިބުނު ކާމިޔާބަކާއި އުފަލަކާއި، އަދި ދެރައަކާއި ހިތްދަތިކަމެއްގެ އެންމެ ފުނަށް ތަޙައްމަލުކުރި ދާއިރާއެއްކަމަށް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އަލިފުށި ދާއިރާއަކީ ޖޯޝާއި ފޯރީގައި ދެގޮތެއްނުވެ ޕާޓީގެ މަސައްކަތުގައި ދެމިތިބި ދާއިރާއެއްކަމަށްވެސް ހަސަންޓޭ ވަނީ ސިފަކުރައްވާފައެވެ.
އެހެންކަމުން، އެމްޑީޕީގެ އަލިފުށި ދާއިރާގެ ރައީސްކަމަށް ކުރިމަތިލައްވާކަން އެބޭފުޅާ ވަނީ އިޢުލާންކުރައްވައި، އެކަމުގައި ހުރިހާ ފަރާތްތަކުން ތާއީދުކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ.
"އަލިފުށި، ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމުގެ އެމްޑީޕީގެ މަސައްކަތްތައް ބާރު މިނުގައި ކުރިއަރުވައި، މެންބަރުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއަހައި، އޭގެ ޙައްލަށް ގަދައަޅައި މަސައްކަތްކޮށް، އެއްވެސް މީހަކު ބާކީނުކޮށް އަލިފުށި ދާއިރާގެ އެމްޑީޕީ ހަރަކާތް މުޅި އުތުރަށް ފަވާލުމަށްޓަކައި ޢަޒުމް ކަނޑައަޅައިގެން އަޅުގަނޑު އަލިފުށި ދާއިރާގެ ރައީސްކަމަށް ކުރިމަތިލާ ވާހަކަ ދަންނަވަމެވެ. އެންމެ ބޭފުޅުންގެ ތާއީދާއި މަދަދަށް ވަރަށް އެދެމެވެ." މެންބަރު ހަސަންޓޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ