ރަމަޟާންމަހު ވެކްސިން ދޭ ގަޑި އިތުރުކޮށްފި

ރަމަޟާންމަހު މާލެ ސަރަޙައްދުގައި ވެކްސިން ދޭ ގަޑި އިތުރުކޮށްފިއެވެ.
ރަމަޟާންމަހު ވެކްސިން ދިނުން ކުރިން ހަމަޖެހިފައި އޮތީ ރޭގަނޑު 21:00އިން ފެށިގެން 23:00އަށް ނަމަވެސް މިއަދުން ފެށިގެން ރޭގަނޑު 9.00 އިން 11.45 ވަންދެން ވެކްސިން ދިނުން ކުރިއަށްދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވާއެވެ.
ވެކްސިން ދޭ ގަޑި އިތުުރުކޮށްފައިވަނީ މާލެ ސަރަހައްދުގައި ގިނަ ބަޔަކަށް އަދިވެސް ވެކްސިން ޖަހަން ޖެހޭތީ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭއިން ވިދާޅުވެފައިވަނީ ވެކްސިން ޖެހުމުގެ ކަންކަން ދުވާލުގެ ވަގުތުގައި ކުރިއަށް ނުގެންދާނެކަމަށެވެ.
މާލޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް އާއި ދެވަނަ ޑޯޒް ދިނުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. މިމަހުގެ 3ވަނަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށުމާއެކު ވެކްސިން ސެންޓަރުތަކުގައި ކިއުތައްވަނީ ދިގުވެފައެވެ.
މިވަގުތު މާލެ ސަރަޙައްދުގައި 7 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްގެންދެއެވެ. އެއީ ސޯޝަލް ސެންޓަރ، ނޭޝަނަލް އަރޓް ގެލަރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ސެނެހިޔާ އަދި ޓްރީ ޓޮޕް ހޮސްޕިޓަލްއެވެ. ޓްރީޓޮޕް ހޮސްޕިޓަލް ޚާއްސަކޮށްފައިވަނީ ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ޖަހަންދާ މީހުން ވެކްސިން ކާޑު ގެންދަން ޖެހޭނެއެވެ. ވެކްސިން ޖަހަންދާ މީހުން އިތުރަށް ސަމާލްކަން ދޭންޖެހޭ ކަންކަމުގެ ތެރޭގައި އައިޑީ ކާޑް ގެންދިއުމާ، ވެކްސިން ޖަހަންދާއިރު ކޯވިޑް ބަލީގެ އަލާމާތެއް ނެތްކަން ކަށަވަރުކުރުމާ، ވެކްސިން ޖަހަން ދާއިރު ކައިގެން ހުރުމާ، ބޮޑު ބައްޔަކަށް ފަރުވާކުރާ މީހެއްނަމަ އެކަމުގެ ލިއުންތައް ގެންދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ރާއްޖޭގައި ވެކްސިން ދޭން ފެށީ ފެބްރުއަރީމަހުގެ 1ވަނަ ދުވަހުއެވެ. މިހާރު ރާއްޖޭގައި ވަނީ 3ވެކްސިނެއް ދޭން ފަށާފައެވެ. އެއީ ކޮވިޝީލްޑާއި، ސިނޯފަރމް އާއި ޚާއްސަ ޙާލަތްތަކުގައިވާ މީހުންނަށް ފައިޒާ ވެކްސިން ދޭންވެސްވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ