ރައީސް ޞާލިހު ނޫސްވެރިންގެ ބައްދަލުވުން އޮންނާނެކަން ޔަޤީންކޮށްދެވޭނީ ހަވީރު: ރައީސް އޮފީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މާދަމާ ބާއްވަވާނެ ކަމަށް ވިދާޅުވި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާމެދު ހަވީރު ގޮތެއް ނިންމަވައި، ހާމަކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު މިއަދު ވިދާޅުވީ، މާދަމާ ޕްރެސްކޮންފަރެންސް އޮންނާނެކަން ނުވަތަ ނޫންކަން ހަވީރު ރައީސްއާއި ބައްދަލުކުރެއްވުމަށްފަހު ނިންމަވާނެ ކަމަށެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރަށްވެހިފަތިސް ކެމްޕެއިންގެ ބައްދަލުވުމެއް ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ނުކުމެވަޑައިގެންނެވިތަނުން ބައެއް ނޫސްވެރިން ވަނީ އެމަނިކުފާނާ ބައްދަލުކޮށް، ނޫސްވެރިންގެ ބައްދަލުވުންތައް ނުބާއްވަވާތީ ޝަކުވާކޮށްފައެވެ.
ނޫސްވެރިންނަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ބުދަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާނެ ކަމަށެވެ.
ރައީސް ޞާލިޙު އެންމެ ފަހުން ނޫސްވެރިންނާއި ބައްދަލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހުއެވެ. މީގެ ކުރިން ރައީސް އޮފީހުން ބުނީ، ނޫސްވެރިންގެ ބައްދަލުވުންތައް މަދީ އެމަނިކުފާނު ބުރަކޮށް އުޅުއްވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ