މަޖިލިސް މެމްބަރު ހުސެއިން ވަހީދުގެ ޖަނާޒާ ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދުގެ ޖަނާޒާ ބާއްވައިފިއެވެ.
މަރްހޫމް ހުސައިން ވަހީދުގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ޖަނާޒާ ބާއްވާފައިވަނީ އާސަހަރާގައެވެ.
މަރްހޫމް ހުސައިން ވަހީދުގެ މޫނު ދެކެވަޑައިގަތުމަށާއި، އެންމެފަހުގެ އިހްތިރާމް އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު، ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި، އެނޫންވެސް އިއްޒަތްތެރިން އާސަހަރާއަށް ވަޑައިގެންނެވިއެވެ. އަދި އާންމު އެތައް ބަޔަކު މޫނުދުށުމަށް ދިޔައެވެ.
ހުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެން މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އެކި ބޭފުޅުންނާއި އާންމުންވެސް ގެންދަނީ އޭނާއަށް ހެޔޮ ދުއާކޮށް، އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދެވި ހުސައިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ރޭ މެންދަމުގެ ވަގުތެއްގައެވެ.
ހުސެއިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އަދި ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައިވެސް ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައި ވެއެވެ.
ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައި އަހަރެއްހާ ދުވަހު ހުންނެވުމަށްފަހު އަލުން މަޖިލީހުގެ ޖަލްސާތަކުގައި ހުސެއިން ބައިވެރިވެޑައިގެންނެވީ މިއަހަރުގެ މާރިޗުމަހުގެ 29 ވަނަ ދުވަހުގައެވެ.
އެކުގައި މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ސިފަކުރައްވާ ގޮތުގައި ހިތްހެޔޮކަމުގައި އެފަދަ ދެވަނައެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ