ހިޔާ ޓަވަރުތަކަށް ކަރަންޓް ދިނުން މެދުކަނޑާލައިފި

ހިޔާ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ސްޓެލްކޯއިން މިރޭ ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓް ދިނުން މެދުކަނޑާލީ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން ކަމަށެވެ. އަދި އެ ނިންމުން ނިންމީ އެޗްޑީސީން އެ ގޮތަށް އެންގުމުން ކަމަށެވެ.
ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށް ގެންދާނީ އެ މަސައްކަތްތައް ނިމި އެޗްޑީސީން އެންގުމުން ކަމަށްވެސް ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ގެންދަނީ އެކި ދުވަސްތަކަށް ބަހާލައިގެން އެކި ޓަވަރުތަކަށް ކަރަންޓް ދެމުންނެވެ. އެ ކުންފުނިން ގެންދިޔައީ ފްލެޓް ލިބިފައިވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އަންގަމުންނެވެ. މިއަދު ކަރަންޓް ދީފައިވަނީ ފަހެއް އަދި ހަވަނަ ޓަވަރަށެވެ.
ހިޔާ ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކޮށްފައިވާއިރު އެތަންތަނަށް ވަނުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެކަމަށް މި އަހަރުގެ ނިޔަލަށް އޮތީ ފުރުސަތު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ