ސްޓެލްކޯއިން ހުޅުލެއަށް ކަރަންޓު ފޯރުކޮށްދޭން ފަށަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ، ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓެލްކޯ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެއްބަސްވުމެއްގައި ސޮއެކޮށްފި އެވެ.މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއެކުރެއްވީ އެމްއޭސީއެލްގެ އެކްޓިންގ އިންޗާރޖް އިބްރާހިމް ތޯހާއެވެ.މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެެންމެ އިސް ސަފުގައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، އެމްއޭސީއެލްއަކީ ގައުމުގެ އިގްތިސޯދަށް އެންމެ ބޮޑަށް ހިއްސާކުރާ އެއް ކުންފުނި ކަމަށެވެ. އެމްއޭސީއެލްގެ ކުރިއެރުމަކީ މުޅި ގައުމުގެވެސް ކުރިއެރުން ކަމަށާއި، މިފަދަ ކޮންމެ ކަމެއްގައި އަދި ހާއްސަކޮށް ގައުމުގެ ތަރައްގީއާއި ކުރިއެރުމާއި، ގުޅުންހުރި ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ސްޓެލްކޯއިން ފަސްނުޖެހޭނެ ކަމަށެވެ."އެމްއޭސީއެލްވެސް މިވަނީ ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެންނަށް ދިމާވި ދަތިތަކުގައި އެހީތެރިކަން ދެއްވާފައި. ހަމަ އެގޮތައް އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންގެވެސް މޯރަލް އަދި އެތިކަލް އޮބްލިގޭޝަންއެެއް އޮތްކަމަށް އެމްއޭސީއެލްއަށްވެސް ދަތިކަމެއް ދިމާވާ ވަގުތުގައި އެކަމަށް އެހީތެރިވެދޭން، އެގޮތުން އެމްއޭސީއެލްގެ ޕްރޮޖެކްޓް ޑިލޭވެގެން ދިއުމާ އެއްކޮށް، އަޅުގަނޑުމެންނަށް ލިބޭ ހާއްސަ އުފަލެއް އެމްއޭސީއެލްއަށް މިކަން ކޮށްދެވުމަކީ،" މުޣުނީ ވިދާޅުވި އެވެ.މުޣުނީ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް ސްޓެލްކޯއިން އެމްއޭސީއެލް އަށް އަދި ސަރުކާރު ހިއްސާވަ އެހެން ކުންފުނިތަކާއި އާންމު ފަރާތްތަކަށް ވެސް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިންގ އިންޗާރޖް ތޯހާ ވިދާޅުވީ، އެއާރޕޯޓް ތަރައްގީ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިވަގުތުވެސް ކުރަމުންދާ ކަމަށާއި، އެއާރޕޯޓް އިތުރަށް ތަރައްގީކުރުމަށް ހަދާފައިވާ މާސްޓާރޕްލޭންގައި ވެސް ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ހިމެނޭއިރު، އެކަންކަމުގެ ތެރޭގައި ސްޓެލްކޯގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ.އަދި މިވަގުތު އެމްއޭސީއެލްއިން ހުޅުލެއަށް ކަރަންޓު ދެމުންގެންދާއިރު، ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްނުދެވޭ ކަމަށް ވިދާޅުވިއެވެ."އަޅުގަނޑުމެންނަށް މިވަގުތު އަޅުގަނޑުމެންގެ ޕަވަރ އެވަރަކަށް އަދި ސަޕްލައިއެއް ނުކޮށްދެވޭ. ސްޓެލްކޯގެ އެހީއާއިއެކު އަޅުގަނޑުމެންނަށް މިކަން ކުރެވެން އަންނަނީ މިވަގުތު. އެހެންވީމަ، މިއީ ދެބައިމީހުން ގުޅިގެން ކުރަން ވަރަށް ރަނގަޅު މަސައްކަތެެއް ކަމަށް އަޅުގަނޑު ދެކެނީ" ތޯހާ ވިދާޅުވިއެވެ.މި އެއްބަސްވުމުގެ ދަށުން ހުޅުލެއަށް ކަރަންޓު ފޯރުކޮށްދެވިގެން ދާނީ ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމުގައިވާ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މެދުވެރިކޮށެވެ. މި ގްރިޑާއެކު، ސްޓެލްކޯއިން މިހާރު ވަނީ މާލެއާއި، ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ