ބޮޑުކުރާ ބިއްލޫރިން ނަޝީދު ހޯއްދެވީ މުލި-ނާލާފުށި ކޯޒްވޭ!

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބޮޑުކުރާ ބިއްލޫރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޯއްދެވީ މީމު އަތޮޅު މުލި-ނާލާފުލި ކޯޒްވޭ ކަމަށް މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ބޮޑުކުރާ ބިއްލޫރި ގެންގުޅުއްވާ މަންޒަރު ފެނި ގިނަ ބަޔަކުގެ ސަމާލުކަން އެކަން އައިސްފައި ވާއިރު އެ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑީއާގައި ވެސް އަންނަނީ ދައުރުވަމުންނެވެ.
ގިނަ ބަޔަކު ކުރާ ސުވާލަކަށްވީ ރައީސް ނަޝީދު ބައްލަަވާނީ ކޮންއެއްޗެއްތޯއެވެ. އެހެން އަހާ ޓްވީޓެއް ކުރި މީހަކަށް ޖަވާބުދެއްވާ ޒިޔާއު ވަނީ އެކަން ސާފު ކޮށްދެއްވާފައެވެ.
މުލި- ނާލާފުށި ކޯޒްވޭއަކުން ގުޅާލުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާ، މި ދެ ރަށް ގުޅާލަން އެއް މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައި ވެއެވެ. ކޯޒްވޭއަކުން ގުޅާލުމުގެ ޖުމްލަ 7 މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.
މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އަންނަ އަަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގެ ބަހުސްގައި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމަށް އޮޅިގެން މުލި ނާލާފުށީގެ ކޯޒްވޭގެ ވާހަކަ ކޮޅުފުއްޓާއި ނާލާފުޅީގެ ކޯޒްވޭގެ ގޮތުގައި ދެއްކެވިގެން އޭނާގެ ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ވާ ކަމަށެވެ.
އެހެންކަމުން ރައީސް ނަޝީދު އެ ހޯއްދެވީ މުލި، ނާލާފުށި އަދި ކޮޅުފުށީގެ ޗާޓުން އެ ކޯސްވޭއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ