ތ.އަތޮޅު ސްކޫލް ކުދިންގެ ތަޖުރިބާ ދަތުރުގައި 2 ޓަނުގެ މަސް ބާނައިފި

މަސްވެރިކަމަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ ދިވެހިންގެ ލޭނާރެވެ. ދިވެހި އިޤްތިޞާދުގެ މުހިންމު ސިނާޢަތެކެވެ. މިސިނާޢަތަށް ދަރިވަރުން ނެރުމަށްޓަކާ ސްކޫލް ދައުރުން ފެށިގެން މަސައްކަތް ކުރަންޖެހޭކަމަށް ކަމުގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. ކަންމިހެން އޮތްނަމަވެސް މިކަމުގައި ޢަމަލީ ސިފައެއް މިހާތަނަށް ޖެހިފައި ނުވެއެވެ.
އެހެން ސްކޫލްތަކަށް ނަމޫނާ ދައްކާ ދިވެހިންގެ ކުރިއެރުމާއި ގުޅުންހުރި މުހިއްމު މިމަސައްކަތަށް ނުކުތުމަށް ދަރިވަރުންގެ ހިތުގައި ޝައުގު އުފެއްދުމުގެ މަސައްކަތް ފެށި ފުރަތަމަ ސްކޫލަކީ ތ.އަތޮޅު ސްކޫލެވެ.
ރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަހާއި ދިމާކޮށް މިދިޔަ ހަފްތާގެ ތެރޭގައި ތ.އަތޮޅު ސްކޫލްގެ 41 ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއެކު މަސްވެރިކަމަށް ނުކުތް ސްކޫލްގެ ޓީމުވަނީ މަސްވެރިކަމާއި ގުޅުންހުރި އެކި މަސައްކަތްތައް ތަޖުރިބާކޮށްފައެވެ. މިމަސްދަތުރަކީ މިދާއިރާއަށް ކުދިން ޝައުގުވެރިކުރުވުމަށް މުހިއްމު ދަތުރެއްކަމަށާއި މިދަތުރުގެ ތަޖުރިބާއަށް ބެލުމަށްފަހު ކޮންމެ މަސްވެރިންގެ ދުވަހަކާ ދިމާކޮށް މިފަދަ ދަތުރުތައް ރޭވުމަށް ނިންމާފައިވާކަން ސްކޫލުންވަނީ ހާމަކޮށްފައެވެ. ހަމައެއާއެކު ރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވާ އެންމެ ބޮޑު އެއްދާއިރާއަކީ މަސްވެރިކަމުގެ ސިނާޢަތަށްވާއިރު ސްކޫލް ނިންމާ ދަރިވަރުންނަށް މިދާއިރާގެ މަޢުލޫމާތު އެނގެންޖެހޭ ކަމަށް ސްކޫލުން ދެކެއެވެ. އަދި މިފަދަ ދަތުރުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތާއި ގުޅޭ ދަރިވަރުން އިތުރުވާނެ ކަމަށް ސްކޫލުން ޤަބޫލުކުރެއެވެ.
އަންގާރަ ދުވަހު 4 ދޯންޏެއްގައި މަހަށްފުރި ދަރިވަރުންގެ މަސްދޯނިތައް އަނބުރާ އައިސްފައިވަނީ ބުދަދުވަހެވެ. ގުރޭޑު 9، 10 އަދި 11ގެ ދަރިވަރުންގެ ތަޖުރިބާ ދަތުރުގައި އެކުދިން މަހަށް ގެންދިޔައީ ތ.ގުރައިދޫ މާފަތް-4 އާއި އޯޝަން ލައިފްއާއި ޢައިލާއާއި ޔުނިޓީ ދޯނީގައެވެ. ގުރައިދޫން ދަރިވަރުން ގޮވައިގެން މަހަށްދިޔަ ދޯނިތަކާ ޙަވާލާދީ ތ.ގުރައިދޫ މަސްވެރިންގެ ޕޭޖުން ހާމަކޮށްފައިވާ ގޮތުން މިދަތުރުގައި ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޓީމުތަކުންވަނީ 2 ޓަނަށްވުރެ ގިނަ މަސް ބާނާފައެވެ. ތަޖުރިބާ ހޯދުމުގެ މިދަތުރުގައި ދަރިވަރުންވަނީ މަސްބޭނުމާއި އެންވެރިކަންކުރާނެ ގޮތުގެ ތަޖުރިބާވެސްކޮށްފައެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ޤައުމީ އަދި ރަށުފެންވަރުގައި އެކި ޙަރަކާތްތައް އަންނަނީ ހިންގަމުންނެވެ. މަސްވެރިންނަށް ދިމާވާ އެކި ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނައިރު އަމިއްލަ ފަރާތްތަކުން އަންނަނީ މިދާއިރާ އިތުރަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ