އާތިފާގެ އިސްތިއުފާ އަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް: މައުމޫން

ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އާތިފާ ޝަކޫރުގެ އިސްތިއުފާ އަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.މި ސަރުކާރުގެ ފުރަތަމަ ހައުސިން މިނިސްޓަރުގެ މަގާމަށް އާތިފާ އައްޔަނު ކޮށްފައިވަނީ ރައީސް މައުމޫންގެ މޯލްޑިވިސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ސްލޮޓެއްގަ އެވެ.ރައީސް މައުމޫން މިއަދު ވިދާޅުވީ އާތިފާއަކީ ހިތްވަރު ގަދަކަމާއި އިހުލާސްތެރިކަމުގެ ނަމޫނާއެއް ކަމަށާއި އެކަމަނާ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވީ ތެދުވެރިކަމާއެކުގައި ކަމަށެވެ. އަދި އާތިފާގެ އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވި އެވެ.ހައުސިން މިނިސްޓަރުގެ މަގާމުން އާތިފާ އިސްތިއުފާ ދެއްވާފައި ވަނީ އެކަމަނާގެ ސިއްހީ ހާލުކޮޅު ގޯސް ވެގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިއަދު އާތިފާގެ އިސްތިއުފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަބޫލުފުޅު ކުރައްވާފަ އެވެ.އެއަށްފަހު ރައީސް ސޯލިހު ވަނީ ހައުސިން މިނިސްޓްރީ އުވާލައި، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ނަން ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ބަދަލު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ