ދައުރު ދަންމާލަން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ފާސްކޮށްފި

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަށް ހުށަހަޅާފައިވާ ގަރާރު ފާސްކުރީ މިރޭގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ ވޯޓުންނެވެ. ގަރާރާ ދެކޮޅަށް ވޯޓުދެއްވީ އެންމެ މެމްބަރެކެވެ.މައްސަލައާ ގުޅިގެން ސުޕްރީިމް ކޯޓުގެ ލަފައެއް ހޯދަން ހުށަހަޅަން މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ގަރާރެއް ހުށަހަޅައިފައެވެ. އެ ގަރާރު ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.ގަފޫރު ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ ގާނޫނުއަސާސީގެ 95ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފަޔަކަށް އެދެނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގައި އެއްވެސް މައްސަލައެއް ދިމާވެދާނެތޯ ބެލުމަށް ކަމަށެވެ.ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުގައި ކަން އޮތްގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.ގާނޫނު އަސާސީ އިސްލާހު ކުރުމާއި ކައުންސިލަރުންގެ ދައުރު ދަމާލުގައި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ވަރަށް ބޮޑެވެ. މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ވަރަށް ދެކޮޅެވެ. ބައެއް މެންބަރުން ބޭނުން ވަނީ ގާނޫނު އަސާސީ އިސްލާހު ކުރާށެވެ.  ކައުންސިލަރުންގެ ދައުރު ހަމަވާނީ އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ