ލީޑަރުންނަށް ދިމާވެފައިވާ ބޭއިންސާފު ގޮތްތައް ހުއްޓުވަންޖެހޭ: ރައީސް މައުމޫން

ރައްޔިތުން އެންމެ ލޯބިވާ އަދި އެންމެ ބޮޑު ތާއީދެއް އޮތް ލީޑަރުންނަށް ދިމާވެފައިވާ ބޭއިންސާފު ގޮތްތައް ހުއްޓުވަންޖެހޭކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާފަންނު ކުނޫޒްގައި މިރޭ ބާއްވަމުންދާ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ ރައީސް އަބުދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތްކުރި ލީޑަރަކީ ގާސިމް އިބްރާހިމް ކަމަށާއި ނަމަވެސް މިއަދު އެމަނިކުފާނަށް ސަރުކާރުން ކުރިމަތިކޮށްފައިވާ ހާލަތަށް ބަލާލުމުން މިސަރުކާރުގެ ހަގީގީ ސޫރަ ފެންނަކަމަށެވެ.
މީގެ އިތުރަށް ޝައިޚް އިމްރާން އަބުދުﷲ މިއަދު ހުންނެވީ ދެއްކި ވާހަކަފުޅަކާއި ގުޅިގެން ދިގު މުއްދަތަކަށް ޖަލައްލާފައިކަމަށާ އަދި މިވަގުތު އެމަނިކުފާނު ހުންނެވީ ޖަލުގައި ވަރަށް ނިކަމެތި ހާލަތެއްގައިކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް އެމަނިކުފާނަށްވެސް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވާކަމަށާ އެމަނިކުފާނުވެސް ހުންނެވީ ވަރަށް ނިކަމެތި ހާލަތެއްގައިކަމަށެވެ.
ރައީސް ނަޝީދަށްް ހިންގުނު ޝަރީއަތަކީ ބޭއިންސާފު ޝަރީއަތެއްކަމަށް ބައިނަލްއަގްވާމީ ދުނިޔެއާއި މުޅި ރާއްޖޭގައިވެސް ވާހަކަދެކެވެމުންދާކަމަށާ ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށްދިޔަގޮތަށް ވިސްނާލުމުން އެ ޝަރީއަތުގެ އިންސާފުވެރިކަން ހާމަނުވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"ރައީސް ނަޝީދުގެ ފަރާތްޕުޅުން ހެކި ހުށައަޅުއްވަން މި ޝަރީއަތުގެ ތެރެއިން ފުރުސަތު ނުލިބުނު." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ މިއަދު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުންދާ ލީޑަރުންނަށް ދިމާވެފައިވާ ބޭއިންސާފު ގޮތްތައް ހުއްޓުވަންޖެހޭކަމަށެވެ. އެކަން ހުއްޓުވުމަށް ރައްޔިތުން ހިތްވަރާއިއެކު މަސައްކަތް ކުރުމަށް ރައީސް މައުމޫން ގޮވާލެއްވިއެވެ.
ރައީސް މައުމޫން ވިދާޅުވީ މިއަދު ގައުމުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ގާނޫންގެ ހުކޫމަތު ނެތުންކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ހަތަރު ލީޑަރުން ގުޅިގެން އަދި ރައްޔިތުންގެ އެންމެ ތާއީދު ބޮޑު ޕާޓީތަކުން ގުޅިގެން މިއަދު ކުރަމުންދަނީ ވަކި މީހަކު ވެރިކަމަށް ގެނައުމުގެ މަސައްކަތް ނޫންކަމަށެވެ.
މި މަސައްކަތަކީ ގާނޫން އަސާސީއާއި ދިވެހި ރާއްޖެއާއި މުޅި ދިވެހި ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ