ރައްޔިތުންގެ އަޒުމާއި ހިތްވަރު ޖަލަށް ނުލެވޭނެ، އިބޫ ހޮވާނެ: ގާސިމް

ރައްޔިތުންގެ ނަފުސާއި މުދަލަށް ކިތަންމެ އަނިޔާއެއް ދިނަސް ރައްޔިތުންގެ އަޒުމާއި ހިތްވަރު ޖަލަށް ނުލެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މިރޭ ޖުމްހޫރީ ޕާޓީގެ ހެޑްކުއާޓަރުގައި ކުރިއަށްގެންދާ ޖަލްސާގެ ބައިވެރިންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ނުހައްގުން އެތައް ބަޔަކު ޖަލަށްލައި ސަރުކާރުން ދަނީ ރައްޔިތުންގެ މައްޗަށް އިންތިހާއަށް އަނިޔާވެރިވަމުން ކަަމަށެވެ. ސިޔާސީ އެތައް ބޭފުޅަކު ހައްޔަރުކޮށް ދައުވާ އުފުލައި ޝަރީއަތްތައް ހިންގާފައިވާއިރު އެއިން އެއްވެސް ޝަރީއަތަކީ އިންސާފުން ހިންގާފައިވާ ޝަރީއަތެއް ނޫންކަން ކާނަލް ނާޒިމްގެ ޝަރީއަތަށް އެކަނި ބަލައިލިޔަސް ސާފުވާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނާއި، ކުރީގެ ރައީސް ނަޝީދާއި، ކުރީގެ ރައީސް މައުމޫނާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނަށް ވެސް ނުހައްގު ހުކުމްތަކެއް އިއްވާފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ އެނޫނަސް އެތައް ބޭފުޅުންނެއް މިއަދު ތިއްބެވީ ސަރުކާރުގެ އަނިޔާވެރިކަމުގައި ޖަަލަށް ލެވިފައި ކަމަށެވެ. އަދި ގައުމަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް އަމިއްލަ ވަޒަނުން އަރުވާލާފައި ރާއްޖެއިން ބޭރުގައި އެބަތިއްބެވި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކު ވެސް ވަނީ ޖަލުގައި ކަމަށެވެ.
"ގާނޫނުއަސާސީގައިވާ އަދަދުތައް ހަމަނުކޮށް ބާއްވާ ޖަލްސާތަކަކީ ތަމްސީލެއްތޯ ނުވަތަ ކުޅޭ ޑްރާމާއެއްތޯ. އެމެމްބަރުންތައް ބައިވެރިނުކޮށް މަޖިލީހުން ނިންމަމުންދާ ނިންމުންތަކަކީ ބާތިލް ނިންމުންތަކެއް. ގަދަބާރުން ވެރިކަމުގައި ހުންނަން ވެގެން ކުރައްވާ ކަންކަން.މިކަންކަމަށް ސިފައިންނާއި ފުލުހުން އަޅާނުލައި ތިބީކީ ނޫން. އަދި ފެންނާނެ އެކަން" ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ދެއިރުދެދަޅަޔަށް ދެގޮތަށް ދައްކަވާ ވާހަކަތަކުން ރައްޔިތުންނަށް ޚިޔާނާތާއި އަނިޔާވެރިވެފައިވާ މިންވަރު އެނގޭ ކަމަށެވެ. ރައްޔިތުންގެ ނަފުސާއި މުދަލަށް ކިތަންމެ އަނިޔާއެއް ދިނަސް ރައްޔިތުންގެ އަޒުމާއި ހިތްވަރު ޖަލަށް ނުލެވޭނެ ކަމަށް ވިދާޅުވިއެވެ. ނޫސްވެރިޔާ ރިލްވާންގެ މައްސަލައިގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކުރައްވައި ގާސިމް ވަނީ އެމަނިކުފާނު ހައްޔަރުކޮށް ތަހުގީގު ހިންގުމަށް ސަލާމަތީ ފަރާތްތަކަށް ގޮވާލައްވާފައެވެ.
ގާސިމް ވިދާޅުވީ ގާނޫނުއަސާސީގެ ކުރިމަތީގައި އެންމެން ވެސް ހަމަހަމަ ކަމަށާއި ދައުލަތަށް ޚިޔާނާތްތެރިވެފައިވާ މީހަކަށް ދީނުގެ ހަމަތަކުން ބަލާއިރުވެސް ވެރިކަމަށް ނާދެވޭނެ ކަަމަށެވެ. ދައުލަތުގެ މުދަލަތަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ރައީސް ޔާމީން ވަނީ އަމިއްލަފުޅަށް އިއުތިރާފުވެފައި ކަަމަށާއި އެހެންކަމުން އެމަނިކުފާނުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނާނީ ކިހިނެއްތޯ ސުވާލު އުފެއްދެވިއެވެ.
"އަމިއްލައަށް އެތައް ބައެއްގެ ކުރިަމތީގައި ވިދާޅުވީ ތިމަންނާ ދިން ފައިސާއޭ އަދީބު ބެއްސެވީ. މިހާތަނަށް ހިނގި އެންމެ ބޮޑު ޚިޔާނާތް ހިނގީ ތިމަންނާގެ ވެރިކަމުގައި ކަަމަށް އިއުތިރާފުވި.ފައިސާ ގޯނި ހިފައިގެން ހިނގީ ތިމަންނާއޭ މެމްބަރަކު ވިދާޅުވި. ވަކި މައްސަލަ ބަލާފައި ސަލާމަތި ފަރާތްތަކުން ތިބެންވީތޯ. ޕީޖީ ހަނދާން ނައްތާލާފައި ހުންނެވީތޯ. ނޫން އެބޭފުޅުން ނުތިއްބަވާނެ" ގާސިމް އިބްރާހީމް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭގޮތުން ރައީސް ދައްކަވާފައިވާ ވާހަކަފުޅުން އެއީ އެނގުމުގެ ތެރެއިން ހިނގާފައިވާ ކަންކަންކަން އެނގޭ ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް އަދީބު ޖަލަށްލައި އެތައް ދުވަހެއް ފާއިތުވެފައި ވީނަމަވެސް އެމައްސަލާގައި ވީނުވީއެއް މިއަދާ ހަމައަށް ވެސް ނޭގި، ދައުލަތުން ގެއްލުނު ފައިސާއަށް ވީނުވީ ނޭގުމުން ގާސިމް ވަަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އަދީބާމެދު އަމަލުކުރާ ގޮތުން ވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ސަރުކާރުން ހިންގާ މަޝްރޫއުތައް ބޮޑުއަގުގައި ހިންގަނީ އަވަސްކުރުމަށް ކަަމަށް ރައީސް ވިދާޅުވެފައިވާތީ ގާސިމް ވިދާޅުވީ އަވަސް ކުރަން ޖެހޭނީ ގާނޫނުއަސާސީއާއި ގާނޫނުގެ އިމުގެ ތެރެއިން ކަމަށާއި އެނޫން ގޮތަކަށް ނުކުރެވޭނެ ކަމަށެވެ. އައިޖީއެމްއެޗް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓާއި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްތަަކަށް ރައްޔިތުންގެ ބަޖެޓުން އެތައް ފައިސާއެއް އިސްރާފު ކޮށްފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ނޫނީ ރައްޔިތުންގެ ފައިސާ ަރަދު ނުކުރެވޭނެ ކަަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އިންތިޚާބަށް ނުފޫޒު ފޯރުވައިގެން ވެރިކަން ދެމެހެއްޓުމަށް އެތައް މަަސައްކަތެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މިކަންކަމުގެ ސަބަބުން ވޯޓުލާ ދުވަހު ރައްޔިތުންގެ މެދުގައި ހަމަނުޖެހުމެއް ހިނގުމަކީ ވެސް އެކަށީގެންވާ ކަމަށެވެ.
ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ ކޯޓުން ނޫން ކަމާއި ވޯޓުން ކަމަށް ވިދާޅުވެފައިވާތީ ގާސިމް ވިދާޅުވީ އޭގެ މާނައަކީ އެކަން ކުރައްވާނީ ކޯޓުން ކަަމެވެ. އަނިޔާވެރިކަމާއި ބިރުވެރިކަން ރައްޔިތުން ބޭނުންނުވާ ކަމަށާއި ސަރުކާރުން ކޮންމެ ގޮތަކަށް ކަން ކުރަމުންދިޔަ ނަމަވެސް މިފަހަރު ރައްޔިތުން ކުރިހޯދާނެ ކަަމަށް ވިދާޅުވިއެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު އިންތިޚާބުކޮށް، އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތްވާނެ ކަަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ