އީސީގެ މިނިވަންކަމާއިމެދު މައުމޫން ސުވާލް އުފައްދަވައިފި

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއްކަމަށް ގަބޫލްކުރަން ދަތިކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކްފާނު މިހެން ވިދާޅުވީ ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް ހޯއްދެވުމަށް އިލެކްޝަންސް ކޮމިޝަނަށް އެންމެ ފަހުން ހުށައެޅުއްވި ސިޓީއާއި ގުޅިގެން އެ ކޮމިޝަނުން ދެއްވި ޖަވާބާއިމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވެ.
ރައީސް މައުމޫން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އަމަލްތައް ހުންނަ ގޮތުން އެއީ މިނިވަން މުއައްސަސާއެއްކަމަށް ގަބޫލްކުރަން ދަތިކަމަށެވެެ.
ރައީސް މައުމޫން ވަނީ އެމަނިކްފާނަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ފޮނުވާފައިވާ ސިޓީވެސް އާންމުކުރައްވާފައެވެ.
އެ ސިޓީގައި ބުނެފައިވަނީ ސިޔާސީ ޕާޓީ ތަކުގެ މައުލޫމާތު އާންމު ފަރާތްތަކާއި އެޕާޓީއެއްގެ މެންބަރުންނާއި އެޕާޓީގެ މަގާމު ތަކުގެ މެންބަރުންނަށާއި އެ ނޫންވެސް ފަރާތްތަކަށް ހިއްސާކުރާނީ އެޕާޓީއަކުން ކަމަށެވެ.
އަދި އެފަދަ މައުލޫމާތުތަކަކީ ޕާޓީތަކުގެ އޮފީހުންނާއި، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުންވެސް ފެންނަން ހުރި މައުލޫމާތުތަކެއްކަމަށްވާތީ އެފަދަ މައުލޫމާތެއް ދޫނުކުރުމަށް އިންފޮމޭޝަން އޮފިސަރަށް ކަނޑައެޅިދާނެކަމަށެވެ.
މީގެ ކުރިންވެސް ތަކްރާރްކޮށް ރައީސް މައުމޫން ވަނީ އެމަނިކްފާނަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް ހޯއްދެވުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިފައެވެ. އެމަނިކްފާނު މިކަމަށް އެދި ފޮނުއްވަމުންދާ ސިޓީތަކަށް އެކި ފަހަރު އެކި ޖަވާބު ކޮމިޝަނުން ދެމުންގެންދާއިރު، ކޮމިޝަންގެ މެންބަރުންގެ މުސްތަގިލްކަމާއި، ކޮމިޝަންގެ މިނިވަންކަން ދެމެހެއްޓުމަށް މީގެ ކުރިންވެސް ރައީސް މައުމޫން ވަނީ ގޮވާލައްވާފައެވެ.
އަދި ކޮމިޝަންގެ ބައެއް ނިންމުންތަކާއި ގުޅިގެން ރައީސް މައުމޫން މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަންގެ ހުރިހާ މެންބަރުންގެ އިސްތިއުފާއަށްވެސް ގޮވާލައްވާފައެވެ.
ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސް ކަން އަންގައިދޭ ލިޔުމެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަންގައި އެމަނިކުފާނު އެދިވަޑައިގަތީ އެމަނިކުފާނު ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށް އިލެކްޝަނަށް ފޮނުއްވާފައިވާ ލިޔުމުގައި ބުނެފައިވެއެވެ.
ނަމަވެސް ރައީސް މައުމޫން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބެލެން ނެތް ކަމަށް އެކޯޓުން ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ