ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައިގެ ހުޅުވާލެވިފައިވާ އަޑުއެހުން އާދީއްތަ ދުވަހު

ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަތަކުގެ ތަހުގީގު އަޑުއެހުން އާއްމުކޮށް ހުޅުވާލައިގެން އާދީއްތަ ދުވަހު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނެފިއެވެ.
ޖޭއެސްސީން ރޭ ބުނީ، ހަސަން ސައީދުގެ މައްޗަށް ހުށައެޅިފައިވާ ސުލޫކީ ދެ މައްސަލައިގެ ތަހުގީގުގެ އަޑުއެހުން އާދިއްތަ ދުވަހުގެ މެންދުރުފަހު 1:45 ގައި ބޭއްވުމަށް ހަމަޖައްސާފައި ވަނީ އެކޮމިޝަންގެ އޮފީސް ހިންގަމުން ގެންދާ ޕޯސްޓް ބިލްޑިންގ ހަ ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި މިތަހުޤީޤު އަޑުއެހުމަށް ވަނުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާފައިވާތީ، އަޑުއެހުމަށް ވަންނަން ބޭނުންވާ ފަރާތަކަށް ފުރުޞަތު ދޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.
ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައިގެ ތަހުގީގުތައް ހުޅުވާލައިގެން ކުރިއަށްގެންދަން ކޮމިޝަނުން ނިންމާފައި ވަނީ އޭނާ އެގޮތަށް އެދިވަޑައިގެންނެވުމުންނެވެ.
އަދި ހަސަން ސައީދުގެ މައްޗަށް ހުށައެޅިފައިވާ ސުލޫކީ މައްސަލަ ބަލައި ނިމެންދެން ހުސްވި ޖޫންމަހުގެ 12 ވަނަ ދުވަހުން ފެށިގެން އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ.
ގާޒީ ހަސަން ސަޢީދުގެ މައްސަލަ ހުޅުވާލައިގެން ކުރިޔަށް ގެންދާއިރު، ސުޕްރީމްކޯޓުގެ ގާޒީ އަބުދުﷲ ދީދީގެ މައްޗަށް ހުށައެޅުނު ސުލޫކީ މައްސަލަ އާއި ގުޅިގެންވެސް ތަހުޤީޤުގެ އަޑުއެހުމެއް އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންގޮސްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ