ކޮވިޑް-19 އާއި ގުޅިގެން، ރާއްޖެ ފުރަބަންދުކޮށް، މިސްކިތްތައް ބަންދުކުރީ އޯވަރ ރިއެކްޓް ކޮށްގެންކަމަށާއި ކޮވިޑް-19 ގެ ނުރައްކާ ނެތް ރަށްތަކުގެ މިސްކިތްތައް ހުޅުވާލަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިއަދު އާއްމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް ސަރުކާރުން ބަންދުކުރަން ޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ވަގުތު ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރަށް އިތުރަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށާ، މިހާރު ކުރަމުންދާ ގިނަ ކަންކަމުން ސަރުކާރުގެ ފައިސާ ބޭކާރުވުން ނޫންކަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއް ރަށްރަށުގައި ހުރީ މިސްކިތަށް ނުވެސް އެރޭގޮތަށް ހުރީ. ކޮވިޑް-19 ގެ އަސަރު ނެތް ރަށްރަށުގައި މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރަން ފުރުސަތުދޭންވީ. މިއީ އޯވަރ ރިއެކްޓްކުރަނީ. ފުރަތަމަ އުޅުނީ ކޮންޓްރޯލް ކުރަން. ހުރިހާ ކަމެއް ގޯހެއްނޫން. އެކަމު 1000 ޕްލަސް މީހުންނަށް ޖެހުނީމަ ދެން މިހާރު މީހުން ކަރަންޓީން ކުރުން މިއީ އޯވަރ ރިއެކްޓް ކުރުން. ފުރަބަންދު ކުރީމަ ފުނޑުނީ އިގްތިސާދު. ވިޔަފާރިތައް. އެއީ އޯވަރ ރިއެކްޓް ކުރުން" އުމަރު ވިދާޅުވިއެވެ.
މާލީ ތަނަވަސްކަން ހުރި ބޭރުގެ މީހުންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމުގެ ވިސްނުން ރަނގަޅު ކަމަށް ވިދާޅުވެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކައާ ގުޅިގެންވެސް އުމަރު ވަނީ މީގެ ދެ ދުވަހެއް ވަރު ކުރިން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ އެންމެ ހާއްސަ ތިން ނިއުމަތަކީ އެންމެން އެއް ދީނެއްގައި ތިބުމާއި އެއް ބަހަކުން ވާހަކަ ދެއްކުމާއި އެއް ނަސްލަކަށް ނިސްބަތްވުން ކަމަށެވެ. އެ ތިން ސިފައިގެ ސަބަބުން ދިވެހިންގެ ތެރޭގައި ދީނީ، ނަސްލީ ތަޅާފޮޅުމެއް ނެތި ސުލްހަ ވެރިކަމާއެކު އަމާން ކަންމަތީ ތިބުމުގެ ނަސީބު ދިވެހިންނަށް ލިބިފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.
މި ތިން ސިފައިގެ ތެރެއިން އެއްވެސް ސިފައެއް ބުރޫ އަރުވާލަން އުޅުނު ހުރިހާ ވެރިކަމެއް ނެތި ދިޔައީ ހިތި ގޮތަކަށް ކަމަށް އުމަރު ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ނުރައްކާ ނެތް ރަށްތަކުގެ މިސްކިތްތައް ހުޅުވާލަން ޖެހޭ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ