އެމްޑީޕީއާ ގުޅޭ ގޮތުން އަލްހާން ހުށަހެޅި މައްސަލަ ކޯޓުން ބަލައިގެންފި

އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސްގެ ދައުރު ހަމަވެފައިވާއިރު ވެސް އެ އިންތިހާބު ބާއްވާފައިނުވާ ކަމަށް ބުނެ އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ސިވިލް ކޯޓަށް ވެއްދި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ސިވިލް ކޯޓަށް އަލްހާން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެމްޑީޕީގެ ރިޔާސީ ދައުރަކަށް 2011 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުގައި އެ ޕާޓީގެ ރައީސް ކަމަށް ޑރ. އިބްރާހިމް ދީދީ އާއި ނައިބު ރައީސް ކަމަށް އަލްހާން ފަހުމީ އިންތިހާބުކޮށްފައިވާ ދައުރު ހަމަވެފައި ވަނީ، 2012 ވަނަ އަހަރު އޭޕްރީލް މަހުގެ 30 ވަނަ ދުވަހަށް ކަމަށެވެ.
އިބްރާހިމް ދީދީ އާއި އަލްހާން މަގާމުން ވަކިކުރުމަށްފަހު ޕާޓީގެ ރައީސް ކަމަށް މުހައްމަދު ނަޝީދާއި ނައިބު ރައީސް ކަމަށް މުހައްމަދު ޝިފާޒު ވަނީ އިންތިހާބުކޮށްފަ އެވެ. އަލްހާން ވަކާލާތު ކުރައްވާ ގޮތުގައި އެ ދެ ބޭފުޅުންގެ މަގާމުގެ ދައުރު މިހާރު ވަނީ ހަމަވެފަ އެވެ. އެއީ، އެ ދެ ބޭފުޅުން އިންތިހާބު ކޮށްފައިވަނީ ދައުރެއްގެ މެދު ތެރެއިން، ބައި-އިލެކްޝަނެއްގައި ހިނގަމުން ދިޔަ ދައުރަށް ކަމަށްވާތީ އެވެ. އެ ދައުރު މިދިޔަ އޭޕްރީލް މަހު ވަނީ ހަމަވެފަ އެވެ.
އަލްހާން މި މައްސަލާގައި އެދިފައިވަނީ، ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ރައީސް އާއި ނައިބު ރައީސް އިންތިހާބުކުރުމަށް، ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވައިދިނުމަށް ޕާޓީއަށް އަމަރުކޮށްދިނުމަށެވެ. މި މައްސަލާގައި އެންމެ ފުރަތަމަ ސިވިލް ކޯޓުން އުސޫލު އޮންނަ ގޮތުން ޑިސްޕިއުޓް މަރުހަލާ ކުރިއަށް ގެންދާނެ އެވެ. މައްސަލަ ޝަރީއަތަށް ދަނީ އެ މަރުހަލާގައި ސުލްހަވެރި ހައްލެއް ނުލިބިއްޖެނަމަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގަވައިދުގައިވާ ގޮތުން ޕާޓީތަކުން އަމަލުކުރަން ޖެހޭނީ، އެ ޕާޓީއެއްގެ އަސާސީ ގަވައިދާ އެއްގޮތަށެވެ.
އަލްހާން، އެމްޑީޕީއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަަލައިގެންފައިވާއިރު، ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަމަލުކުރައްވާ ކަމަށް ބުނެ އެ ޕާޓީގެ ދެ މެންބަރުން ހުށަހެޅި މައްސަލައެއްގައި އެ ޕާޓީގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ