މައުމޫން ފުރާވަޑައިގަންނަވަނީ، މައުމޫން ނެތި ކައުންސިލް ނުބޭއްވޭނެ ކަމަށް އަންގައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާދަމާ ރާއްޖެއިން ބޭރަށް ފުރައި ވަޑައިގަންނަވާތީ އެމަނިކުފާނު އެނބުރި ވަޑައިގަންނަވަންދެން އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުން ނުބޭއްވޭނެ ކަމަށް އަންގައިފި އެވެ.
ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ނުރަސްމީ ދަތުރުފުޅެއްގައި މާދަމާ މައުމޫން ފުރައި ވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނު ރަށުގައި ނޫޅުއްވާ ދުވަސްތަކުގައި ކައުންސިލްގެ ބައްދަލުވުން ނުބޭއްވޭނެ ކަމަށެވެ. އަދި މައުމޫން އެނބުރި ވަޑައިގެން އެމަނިކުފާނުގެ ރިޔާސަތުގެ ދަށުން ކައުންސިލްގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން މައުމޫން މާދަމާ ފަށްޓަވާ ދަތުރުފުޅުގައި ރާއްޖެއިން ބޭރުގައި އެމަނިކުފާނު ހުންނަވާ ދުވަސްތަކުގައި ވެސް ޕާޓީ ހިންގާނީ ސީދާ މައުމޫންގެ ބެލުމުގެ ދަށުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ޕާޓީގެ ކަންކަން އިސްލާހުކުރަން ކުރާ މަސައްކަތުގައި ލިބެމުންދާ އެއްބާރުލުންތަކަށް އެ ބަޔާނުގައި ޝުކުރު އަދާކޮށްފައިވެ އެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ، ކައުންސިލްގައި ހިމެނޭ ރައްޔިޔުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި މައުމޫންގެ ޚިޔާލު ވަނީ ތަފާތުވެފަ އެވެ. އަދި އެ މައްސަލައިގެ ތެރޭގައި ޕާޓީގެ ކައުންސިލް ބައްދަލުވުން ނުބާއްވަން ކުރިން ވެސް މައުމޫން އެންގެވި އެވެ. އެ މައްސަލަ އެ ޕާޓީގެ މަޖިލިސް ދެ މެމްބަރަކު ވަނީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު ފަހުން ވަނީ މައުމޫންގެ ބެލުމުގެ ދަށުން ކައުންސިލް ބައްދަލުވުމެެއް ބާއްވައިފަ އެވެ.
އެކަމަކު ޚިޔާލު ތަފާތުވުން ބޮޑުވެ، އެ ބައްދަލުވުން ވެސް ވަނީ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފަ އެވެ.
މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫނަށް ތާއީދުކުރާ އިތުރު ދެ ބޭފުޅަކު ޕާޓީން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމިޔަސް އެ ބޭފުޅުން ވަކިނުވާ ކަމަށް މައުމޫން ދަނީ ވިދާޅުވަމުންނެވެ. ކައުންސިލްގެ އެންމެ ފަހު ބައްދަލުވުން ހުއްޓާލީ އެ މައްސަލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ