ކާރުގެ ޑިކީ ތެރެއިން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިގެން ހައްޔަރުކުރި ޏ. ފުވައްމުލަކު ޑެއިލީ ބުލޫ އަބްދުއްލަތީފްގެ ޝަރީއަތް ކްރިމިނަލް ކޯޓުން ހިންގާފައި ވަނީ ޝަރީއަތްކުރުމާ ބެހޭ ގަވާއިދުތަކާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
ލަތީފްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމުމަށް ފަހު އޭނާ ބަންދުން ދޫކޮށްލުމަށް އެ ކޯޓުން ކުރި އަމުރު ރަނގަޅު ކަމަށް ހައި ކޯޓުން ނިންމިތާ ދެ ހަފްތާ ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ޕީޖީން މިއަދު ވަނީ އިސްތިއުނާފުކޮށްފަ އެވެ.
މި މައްސަލަ އިސްތިއުނާފު ކުރި އިރު ކްރިމިނަލް ކޯޓުގައި ހިނގަމުން ދިޔަ މި މައްސަލައިގެ ޝަރީއަތް ނިމި ލަތީފް އާއި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ ވަނަ މީހާ ކަމަށްވާ މާލޭ މުނިސިޕަލްޓީ ދަފްތަރު 3303 ހަސަން އަލީގެ ކުށެއް ނެތް ކަމަށް އެ ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.
އިސްތިއުނާފްގެ ޝަރީއަތުގައި ސުޕްރީމް ކޯޓުގައި މިއަދު ހަވީރު ބޭއްވި އަޑުއެހުމެއްގައި ޑެޕިއުޓީ ޕީޖީ ހުސެން ޝަމީމް ވިދާޅުވީ ދައުލަތުން ހާޒިރުކުރާ ވަކީލުން ފުރަތަމަ ހާޒިރުކޮށް ހެކިބަސް ނަގަން ޖެހޭނެ ކަމަށް ޝަރީއަތްކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވާއިރު މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް އަމަލުކުރެއްވީ އެއާ ހިލާފަށް ކަމަށެވެ.
ޝަމީމް ވިދާޅުވީ ފުރަތަމަ ޝަރީއަތުން އަމިއްލަ އަށް އިސްނަގައިގެން ޝަރީއަތަށް މީހުން ހާޒިރުކޮށް އެ މީހުންގެ ބަޔާން ނަގާފައިވާ ކަމަށެވެ.
"ދައުލަތުން ހެކިން ހާޒިރު ކުރީ އެއަށް ފަހު. އޭރު ގާޒީ މައްސަލައިގައި ޝަރީއަތް ނިމުމުގެ ކުރިން އޮޕީނިއަން ކަނޑައަޅައި ނިންމައިފި،" އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅުމުން ކުށުގެ ބާވަތަށާއި މުޖުތަމައަށް ލަތީފްގެ ފަރާތުން ހުރި ނުރައްކާތަކަށް އެއްވެސް ވަރަކަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުތަކަށް ވެސް ބަލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ޝަރީއަތް އަދި ނުނިމޭ ކަމަށާއި ލަތީފްގެ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތުން އޭނާ އަށް އަދި ބަރީއަ ނުވެވޭނެ ކަމަށެވެ. އަދި ދަށު ކޯޓުގެ ހުކުމް މާދަމާ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަމީމް ވިދާޅުވީ މައްސަލަ ހައި ކޯޓަށް ހުށަހެޅޭނީ މައްސަލައިގައި ކްރިމިނަލް ކޯޓުން ލިބެންވާ ލިޔެކިޔުންތައް ފުރިހަމަވުމުން ކަމަށެވެ.
މީގެ އިތުރުން ޝަމީމް ވިދާޅުވީ ލަތީފްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 25 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަން ޖެހިދާނެ ކަމަށާއި އެހެންކަމުން އޭނާ ދޫކޮށްފައި ބަހައްޓަފި ނަމަ ފިލައިގެން ދިއުމުގެ ބިރު ވެސް އެބައޮތް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ދަށުން ޝަރީއަތަށް ބަންދުކުރާ މީހަކު ބަންދުން ދޫކޮށްލަން ޖެހޭ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެފައި ނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމަށް ރައްދު ދެއްވަމުން ލަތީފްގެ ވަކީލު އަލީ ޝާހު ވިދާޅުވީ ދަށު ކޯޓުގެ ނިންމުމަކީ ވަރަށް އަދުލުވެރި އަދި ބިނާކުރަނިވި ނިންމުމެއް ކަމަށެވެ. އަދި ޝަރުއީ އެއްވެސް ކޯޓެއްގައި ލަތީފްގެ މައްޗަށް ތުހުމަތުތަކެއް ކޮށް މިހާރު ދައުވާއެއް އުފުލާފައި ނުވާ ކަމަށާއި އެހެންކަމުން ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގެ ދަށުން ލަތީފް ބެލެވޭނީ ކުށެއް ނުކުރާ މީހެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިހާރު ލަތީފް ހައްޔަރުކޮށް ބަންދުކުރެވޭނެ އެއްވެސް ގާނޫނީ ހަމައެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޝާހު ވިދާޅުވި އެވެ.
މީގެ އިތުރުން ޝާހު ވިދާޅުވީ ޕީޖީގެ ދައުވާގައި ހައި ކޯޓުގެ ނިންމުން ގާނޫނާއި ގަވާއިދުތަކާ ހިލާފް ކަމަށް ބުނެފައި ނުވާ ކަމަށެވެ.
ރައްދުގައި ޝަމީމް ވިދާޅުވީ މީހަކީ ނުރައްކާތެރި މީހެއް ކަމަށް ބަލަން ޖެހޭނީ ހަންޖަރެއް ހިފައިގެން މަގުމަތީގައި ވަޅި ހަރަމުން ދުވުމަކުން އެކަނި ނޫން ކަމަށެވެ. އަދި މުޅި މުޖުތަމައު ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް މަސްތުވާތަކެތީގެ މިފަދަ ބޮޑު މީހަކު އެކަހެރި ކުރުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ދައުލަތުން މި މައްސަލައިގައި ލަތީފް ހައްޔަރުކޮށް ޖަލުގައި މުޅި އުމުރަށް ބާއްވަން ބޭނުން ވަނީ މި މައްސަލައިގެ ހަގީގަތް ފޮރުވަން ކަމަށެވެ. އެގޮތުން ޝާހު ވިދާޅުވީ އަސްލު މި ތަކެތި ރާއްޖެ އެތެރެކުރި މީހާ ފުލުހުން ސިއްރުކޮށް އޭނާ ފޮރުވާފައިވާ ކަމަށެވެ.
ހަވީރު އަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ލަތީފް އާއި ހަސަން އަލީގެ އިތުރުން ތިންވަނަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ވެސް ފުލުހުން ޕީޖީ އަށް ފޮނުވި އެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާކޮށްފައި ނުވާއިރު އެއީ ކާކު ކަމެއް ވެސް ފުލުހުން ވެސް އަދި ޕީޖީން ވެސް ހާމައެއް ނުކުރެ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން މިއަދުގެ ޝަރީއަތުގައި ސީދާ ލަތީފްއާ ސުވާލުކުރި އެވެ.
ލަތީފްގެ ކާރުގެ ތެރެއިން މަސްތުވާތަކެތި ފެނުނުތޯ ފަނޑިޔާރު އާދަމް މުހައްމަދު ސުވާލުކުރެއްވުމުން ލަތީފް ބުނީ ޓީ ޖެޓީއަށް ތަރުކާރީ ފޮށިތަކެއް ބަލާ ދިޔަ ކަމަށާއި އެތަކެތި އޭނާގެ ކާރަށް އެރުވުމަށް ފަހު ނައްޓާލުމާ އެކު ފުލުހުން ކާރު ހުއްޓުވާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ވަގުތު "އެބޭފުޅުން އެ ވިދާޅުވި ފަދަ އެއްޗެއް" އެ ފޮށިތަކުގެ ތެރެއިން ފެނުނު ކަމަށް އޭނާ ބުންޏެވެ.
ސްޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބުދުﷲ ސައީދު މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އިރު މައްސަލައާ މެދު ގޮތެއް ނިންމަވާނެ އިރެއް ވިދާޅެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުން ލަތީފްގެ ޝަރީއަތް ހިންގީ ގަވާއިދުތަކާ ހިލާފަށް: ޕީޖީ އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ