އިލެކްޝަންސް ކޮމިޝަންގެ އަމަލުތައް ހުންނަ ގޮތުން އެއީ މިނިވަން މުއައްސަސާއެއް ކަމަށް ގަބޫލުކުރަން ދަތިކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނަކީ ޕީޕީއެމްގެ ރައީސްކަމަށް ބަޔާންކޮށް ލިޔުމެއް ހޯދަން އިލެކްޝަންސް ކޮމިޝަންގައި އެދުމުން އެލިޔުން ނުލިބުމުން އިންފޮމޭޝަން އޮފިސަރުގެ ނިންމުން މުރާޖާ ކޮށްދިނުމަށް އެދުމުން އިލެކްޝަންސް ކޮމިޝަނުން ދިން ޖަވާބާއީ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އިންފޮމޭޝަން އޮފިސަރުގެ ނިންމުން މުރާޖާ ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ މުރާޖާ ކޮމެޓީ އިން ރައީސް މައުމޫނަށް ފޮނުވި ސީޓީގައި ބުނެފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން މައުލޫމާތަށް އެދި ދައުލަތުގެ އިދާރާއަކަށް ހުށަހެޅުމުން އެމައުލޫމާތަކީ ދައުލަތުގެ އެއިދާރާގައި ނުވަތަ ދައުލަތުގެ އެހެން ވެސް އިދާރާއެއްގައި އާންމު އުސޫލުން ފީއެއް ދައްކައިގެން ނުވަތަ ފީއެއް ނުދައްކާ ނަމަވެސް ބޭނުން ފަރާތަކުން ބެލެން ހުންނަ މައުލޫމާތެއް ކަމަށްވާނަމަ އެމައުލޫމާތެއް ދޫނުކުރުމަށް އިންފޮމޭޝަން އޮފިސަރަށް ކަނޑައެޅިދާނެ ކަމުގައި ބަޔާންކޮށްފައި ވާއިރު ސިޔާސީ ޕާޓީގެ ޤަވައިދުގައ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާންމުކޮށް ފެންނާނެހެން ބައްޓާފައިވާކަމާއި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ވެސް ޕީޕީއެމްގެ މައުލޫމާތު އެންމެންނަށް ފެންނާނެހެން ހިމެނިފައިވާތީ މިމައުލޫމާތު ދޫނުކުރުނަށް އިންފޮމޭޝަން އޮފިސަރަށް ކަނޑައެޅިދާނެ ކަމަށެވެ.
ރައީސް މައުމޫނަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައި ވަނީ އެމަނިކުފާނު ހޯއްދެވުމަށް އެދިވަޑައިގެންފައިވާ ލިޔެކިޔުންތަކަކީ ސިޔާސީ ޕާޓީގެ މައުލޫމާތަކަށްވެފައި ސިޔާސީ ޕާޓީތަކުގެ މައުލޫމާތު އާންމު ފަރާތްތަކާއި އެޕާޓީއެއްގެ މެންބަރުންނާއި އެޕާޓީގެ މަގާމުތަކުގެ މެންބަރުންނަށާއި އެނޫންވެސް ފަރާތްތަކަށް ހިއްސާ ކުރައްވާނީ އެޕާޓީއަކުން ކަމަށްވާތީ އެދިވަޑައިގެންފައިވާ ލިޔުންތައް ހޯއްދެވުމަށް ޕާޓީ އާއި ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ދަންނަވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސާސާއެއް ކަމަށް ގަބޫލުކުރަން ދަތި – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ