އަހްމަދު ޒާހިރު (ހިރިގާ)
ބޮޑު ރާޅާ ގުޅިގެން ލިބިފައިވާ ގެއްލުންތައް ފޫބައްދައި، ރާއްޖެ އަލުން އާރާސްތުކުރުމަށް ހިންގާ މަޝްރޫއަށް ވޯލްޑް ބޭންކުން 14 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އިން ބުރާސްފަތި ދުވަހު ބުނެފި އެވެ.
ވޯލްޑް ބޭންކާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ބުނި ގޮތުގައި މި ފައިސާ ބޭނުންކުރާނީ ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ދިރިއުޅުން އަލުން އާރާސްތުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއަށެވެ.
ރާއްޖެ އަށް ދިން އެހީ އަކީ ކިތައް ޕަސެންޓްގެ އިންޓަރެސްޓަކާ އެކު، އަދި ކިހާ ދުވަހަކުން އަނބުރާ ދޭގޮތަށް ދިން ފައިސާ އެއް ކަމެއްް އެ އެޖެންސީއަކުން ނުބުނެ އެވެ. ނަމަވެސް ވޯލްޑް ބޭންކްގެ ރައީސް ވުލްފެންސަން ޖެނުއަރީ މަހު ރާއްޖެ އަށް ކުރެއްވި ޒިޔާރަތެއްގައި ވިދާޅުވެފައި ވަނީ އެ ބޭންކުން ރާއްޖެ އަށް ދޭ ފައިސާގެ 40 ޕަސެންޓް ދޫކުރާނީ ހިލޭ އެހީގެ ގޮތުގައި ކަމަށެވެ.
ވޯލްޑް ބޭންކުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑައިރެކްޓަރު އެލަސްޓާ މެކްޗިންއާ ހަވާލާދީ ޕީޓީއައި އިން ބުނި ގޮތުގައި، މި ޕްރޮޖެކްޓުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަަކަށް އެ މީހުންގެ ދިރިއުޅުމަށް އަލުން ރުޖޫއަވުމަށް އެހީވެދޭނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބޮޑު ރާޅުގައި އިގްތިސާދަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. އޭގެ ތެރޭގައި ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް ލިބިފައިވާ ގެއްލުން ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި އެހީގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް އަލުން ފެށި، ވަޒީފާތައް ވެސް ރަށު ލެވެލްގައި ފެށޭނެ،" މެކްޗިން ވިދާޅުވި އެވެ.
ޑިސެމްބަރު ،26 2004 ގެ ބޮޑު ރާޅުގައި ރާއްޖޭގެ 82 މީހަކު މަރުވެ، 26 މީހަކު ވަނީ ގެއްލިފަ އެވެ. އަދި އެ ހާދިސާގައި ރާއްޖޭގެ އިގްތިސާދުގެ 62 ޕަސެންޓް ފުނޑުފުނޑުވެ، ލިބުނު މާލީ ގެއްލުމުގެ ޖުމުލަ 304 މިލިއަން ޑޮލަރަށް އަރާ ކަމަށް ވޯލްޑް ބޭންކާއި އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކުން ވަނީ ބުނެފަ އެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ބުނި ގޮތުގައި މިހާތަނަށް ބޭރުގެ ފަރާތްތަކުން ރާއްޖެ އަށް ދޭން ބުނެފައި ވަނީ 187.2 މިލިއަން ޑޮލަރެވެ.
ވޯލްޑް ބޭންކުން ރާއްޖެ އަށް 14 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ