ކުނިކެހި ފައިސާ ނުލިބިގެން އެންމެ ފަހުން މޮޅަދޫ ރައްޔިތުން ވެސް ނުރުހުން ފާޅުކުރަނީ!

މަގު ކުނިކަހައިގެން ނ. މާޅެންދޫ އަންހެންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން އެ ރަށު ކައުންސިލް އިދާރާ ހިސޯރު ކުރިތާ 24 ގަޑިއިރު ނުވަނީސް، ހަމަ އެ މައްސަލައިގައި ހއ. މޮޅަދޫ އަންހެނުންތަކެއް ވެސް އެ ރަށު ކައުންސިލް އިދާރާ ދޮށުގައި އަޑު އުފުލައިފި އެވެ.
މޮޅަދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ރިޔާޒް ވިދާޅުވީ މަގު ކުނިކަހައިގެން އެ ރަށުން އަންހެނުންނަށް ލިބެން ޖެހޭ ފަސް މަސް ދުވަހުގެ ފައިސާ ނުލިބިގެން، އެ ފައިސާ ހޯދުމަށް މިއަދު ހަތަރެއް ޖެހީއްސުރެ ކައުންސިލް އިދާރާ ދޮށުގައި އަންހެނުންތައް އެއްވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރަށުގެ އިޖްތިމާއީ ސަރަހައްދު ކުނިކަހައިގެން މަހަކު 17،000ރ. އެ ރަށުގައި ކުނިކަހާ ތިރީހަކަށް އަންހެނުންނަށް ލިބެން ޖެހޭ ކަމަށާއި ނަމަވެސް އެ ފައިސާ ހޯދުމަށް ކައުންސިލުން މީގެ ކުރިން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ފައިސާ ލިބުން ލަސްވެގެން ވަރަށް ގިނައިން އަޅުގަނޑުމެން މި ސަރަހައްދުގެ ގައުމީ އިދާރާ އަށް މެސެޖް ފޮނުވަން. ނަމަވެސް ކޮންމެ ފަހަރަކު ވެސް ވިދާޅުވަނީ ފިނޭންސުން އަދި ފައިސާ ހަމަނުޖެހެނީ ކަމަށް،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށުގެ އަންހެނުންތައް ކައުންސިލް އިދާރާ ދޮށަށް އެއްވުމުން، އެކަން ގައުމީ އިދާރާ އަށް އެންގުމުން ރަސްމީ ގަޑިއަށް ނުވާތީ މާއެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. އަދި ފައިސާ ލިބޭނެ ކަމެއް ވެސް އަދި ނުލިބޭނެ ކަމެއް ވެސް އެނގޭނީ މާދަމާ އިދާރާ ހުޅުވިގެން ކަމަށް ގައުމީ އިދާރާއިން ބުނާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ކުނިކެހި ފައިސާ ނުލިބިގެން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނ. ލަންދޫ ކައުންސިލް އިދާރާ ވެސް ބަންދުކޮށްފަ އެވެ. އަދި ކުނި ކަހާ މީހުންނަށް ސަރުކާރުން ދެމުން އައި ފައިސާ ފަހަކަށް އައިސް ނުލިބޭތީ ގިނަ ބަޔަކު ދަނީ ކުނި ކަހަން ނިކުންނަން ދެކޮޅު ހަދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ