ޕީޕީއެމްގެ ދަރަނި ނުދައްކާ ކުރީގެ ރައީސް ޔާމީނަށް ޕާޓީއެއް އުފެއްދިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ސަޕޯޓަރެއް ކަމަށްވާ އައިމިނަތު ނާދިރާ ވިދާޅުވުމުން ޓްވިޓާގައި މީހަކު ނާދިރާއަށް ސުވާލެއް ކުރިމަތިކޮށްފިއެވެ.
ނާދިރާ އާއި މައުމޫން ޓެގް ކުރުމަށް ފަހު މީހަކު ކުރި ޓްވީޓެއްގައި ބުނީ ނާދިރާ އާއި ކޮށްލަން ބޭނުންވަނީ އެންމެ ސުވާލެއް ކަމަށާއި އެސުވާލަކީ ޑީއާރްޕީ ދަރަނިވެރިކޮށްލާފައި މައުމޫން ގޮސް ޕާޓީއެއް ހެދި އިރު ދަރަންޏަށް ޒިންމާ ވާން ނުޖެހިފައި ޔާމީން ޕާޓީއެއް ހަދާއިރު ދަރަންޏަށް ޒިންމާ ވާން ޖެހެނީ ކީއްވެ ހެއްޔެވެ؟
އެސުވާލަށް ނާދިރާ އަދި ޖަވާބު ދެއްވާފައެއް ނުވެއެވެ.
މައުމޫން ޑީއާރްޕީ އިން ވަކިވެ ޕީޕީއެމް އުފެއްދިއިރު ޑީއާރްޕީގެ ލީޑަރަކަށް ހުންނެވީ އަހްމަދު ތަސްމީން އަލީއެވެ. ފަހުން ތަސްމީން ޑީއާރްޕީ ދޫކޮށްލިއިރު އެޕާޓީގެ ދަރަނި އެތައް މިލިއަން ރުފިޔާ އަކަށް އަރައެވެ. އޭގެ ތެރެއިން ގިނަ ދަރަންޏަކީ މައުމޫން 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ކުރި ޚަރަދެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޑީއާރުޕީން އެކި މީހުންގެ އަތުން ދަރަންޏަށް ނަގާފައިވާ ފައިސާގެ ތެރެއިން ބަޔަކަށް ދައްކަން ޖެހޭ 2.2 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ޑީއާރްޕީ އިން 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ބުނެފައި ވެއެވެ.
2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އިތުރުން 2009 ވަނަ އަހަރު މިހާރު ރައްޔިތުން މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރުގެ ދެސްޓޫޑިއޯ އަކުން ޑީއާރްޕީއަށް ދިން ޚިދުމަތްތަކަށް 19 މިލިއަން ރުފިޔާ ދައްކަން 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ސިވިލް ކޯޓުން ޙުކުމް ކޮށްފައި ވެއެވެ.
އަދި އެތައް ބަޔަކު ގެންދަނީ ޑީއާރްޕީ އަށް ދީފައިވާ ޚިދުމަތްތަކަށް އަދިވެސް ފައިސާ ނުލިބިގެން އެކަމުގެ ޝަކުވާ ކުރަމުންނެވެ.
"މައުމޫން ޑީއާރްޕީ ދަރަނިވެރިކޮށްލި އިރު ޒިންމާ ވާން ނުޖެހުނީ ކީއްވެތޯ؟"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ