އުމަރު އިސްވެ ހުންނަވައިގެން އިންޑިއާ ސިފައިން ބޭލުމަށް ހާއްސަ ހަރަކާތެއް ފަށަނީ

އިންޑިޔާގެ ހެލިކޮޕްޓަރުތަކާއެކު ރާއްޖޭގައި ތިބި އެގައުމުގެ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައިގެން ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
"އިންޑިޔާ ސިފައިން ފައިބާ" މިނަމުގައި ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ.
މިހަރަކާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ފޯމެއް އުމަރު ނަސީރު ވަނީ ސޯޝަލް މީޑިޔާގައި ޕޯސްޓްކޮށްފައެވެ. އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަންކަން ގެއްލިގެން ހިނގައިދާނެކަމެއް ކަމަށް ވިދާޅުވެ ޕޯސްޓްކޮށްފައިވާ މިފޯމުގައިވާ ގޮތުން މި ހަރަކާތަށް ތާޢީދުކުރާ ފަރާތްތަކުން މަސައްކަތުގައި ބައިވެރިވުމަށް އެދޭނަމަ ކޮށްދެވިދާނެ ކަންކަމާއި ފައިސާ ނުވަތަ ތަކެތީގެ އެހީ ދޭނަމަ އެހީދެވޭނެ ގޮތްތައް ބަޔާން ކޮށްފައިވެއެވެ. އަދި ތަކެތީގެ ގޮތުގައި ނުވަތަ ޚިދުމަތުގެ ގޮތުގައި ހިލޭ ސާބަހަށް ކޮށްދެވޭނެ ކަންކަން ހިމެނުމަށްވެސް ވަނީ ފޯމުގައި އެދިފައެވެ.
އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި އިންޑިޔާގެ ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި ހަރަކާތްތެރި ވަމުންދާތީ އުމަރު މީގެކުރިން ވިދާޅުވެފައިވަނީ ރާއްޖޭގައި ދެން އެންމެ ބޮޑު މުޒާހަރާއެއް ކުރާނީ އެކަމާ ދެކޮޅަށްކަމަށެވެ. އަދި އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރު އުދުއްސަނީ ދިވެހި ސިފައިން ކަމަށް ސަރުކާރުން ބުނަމުންދާތީ އުމަރު ވަނީ އެކަން ދޮގުކުރައްވާފައެވެ.
އުމަރު ވިދާޅުވެފައި ވަނީ ހެލިކޮޕްޓަރާއެކު 40 އަށް ވުރެ ގިނަ އިންޑިޔާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށާއި ހެލިކޮޕްޓަރަށް ކޮމާންޑު ކުރަނީ އިންޑިޔާއިން ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް ރައީސް ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގެން ނެވުމަށްފަހު އިންޑިޔާއާ އެކު އޮތް އެއްބަސްވުން އާ ކުރައްވާ ހެލިކޮޕްޓަރުން އަލުން ދުއްވަން ވަނީ ފަށާފައެވެ.
ރައީސް ޞާލިހު މިދިޔަ އަހަރު ފަހު ކޮޅު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ވިދާޅުވީ، ހެލިކޮޕްޓަރުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ގެއްލުން ނުވާނެ ކަމަށެވެ. ހެލިކޮޕްޓަރުތައް ރާއްޖޭގައި ބޭނުން ކުރާނީ ދިވެހި ސިފައިންގެ ފުރިހަމަ ބާރާއެކުގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިމައްސަލާގައި ދިވެހި ސިފައިން ވެސް ވަނީ އެކަން ހެލިކޮޕްޓަރުތައް ބޭނުންކުރާނީ ދިވެހި ސިފައިންކަމަށް ޔަޤީން ކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ