މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މިއަދުގެ މޫސުން ގޯސްވެފައިވާއިރު، އުތުރާއި، މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް އަދި އެންމެ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ހެނދުނު ވިދާޅުވީ، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ މޫސުން ވަރަށް ގޯސް ކަމަށެވެ. އެއާއެކު މެންދުރުކުރި 11:00 އާ ހަމަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ޔެލޭ އެލާޓް ނެރެފައެވެ. މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ވަނީ އެލާޓް ނެރުނު ސަރަހައްދުތަކަށް އާންމު ގޮތެއްގައި ވައި ޖެހޭނީ 25 މޭލާއި 30 މޭލާއި ދެމެދުގައި ކަމަށާއި އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ، ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރުމަށްފަހު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ. ދ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ނެރެފައިވާ ވައިޓް އެލާޓުގައި މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވަނީ، ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި 45 މޭލަށް ވައި ބާރުވުންވެސް އެކަށީގެންވާ ކަމަށެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރުފަހު 13:15 އާއި ހަމައަށެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓާއި، ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރުނުއިރު، މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.
މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:
ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
ޔެލޯ އެލާޓް: މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.
ރެޑް އެލާޓް: މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.
ގްރީން އެލާޓް: މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ