ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓަކާއި ގުޅިގެން ލިޔެފައިވާ ރިޕޯޓެއް، ޕީއެސްއެމްގެ ޓީވީއެމްއިން ރޭ ގެނެސްދިނުމަށްފަހު ޕީއެސްއެމްގެ ވެބްސައިޓްގައި އެ ރިޕޯޓް ޝާއިއު ކުރުމަށްފަހު އެ ރިޕޯޓް ވެބްސައިޓުން ނަގައިފި އެވެ.
“ބިރަކާނުލާ މަޖާކުރުމަށް ހިތްވަރު ލިބޭގޮތަށް، ބިރުފަހަނައަޅާ ކުރިއަށްދިއުމަށް މައުމޫން ގޮވާލައްވައިފި” މި ސުރުހީގެ ދަށުން ޕީއެސްއެމްގައި ޝާއިއު ކުރި ރިޕޯޓްގައި ބުނެފައިވަނީ “ދޮށީ ދަރިކަލުން ފާރިޝް މައުމޫނަށް ސިޔާސީ ގޮތުން ބާރުތަކެއް ހޯއްދަވައިދެއްވުމަށް މައުމޫން މަސައްކަތްޕުޅު ފައްޓަވާފައިވާކަމަށް އެކި މީޑިއާތަކުން ތުހުމަތުކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި، އެ މަނިކުފާނު މި ޓްވީޓް ކުރެއްވީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން” ކަމަށާއި ރާއްޖެއިން ބޭރަށް މިފަހަރު މި ކުރައްވާ ދަތުރުފުޅުގައި މައުމޫނަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ ޝަރީއަތުގެ ކުރިމައްޗަށް އެމަނިކުފާނު ގެންދިއުމަށް އެތައް މަސައްކަތެއް ކުރެއްވި ކުރީގެ ރައީސް ނަޝީދުއާ އަދި މައުމޫނާމެދު ޒާތީގޮތުން ވަރަށް ބޭއަދަބީ ވާހަކަތައް ދައްކަވާފައިވާ ސިޔާސީ އެތައް ބޭފުޅަކާ ބައްދަލުކުރައްވާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ފެތުރިފައިކަމަށް” ވެސް އެ ރިޕޯޓްގައި ވެ އެވެ.
“އުމުރުން 80 އަހަރާ ކައިރިވީފަހުން މައުމޫނުގެ ބަސްމަގު މިގޮތަށް ބަދަލުކުރެއްވުމުން ދެން ދައްކަވާފާނެ ވާހަކަފުޅުތަކަކާމެދުވެސް ސުވާލު އުފެދެ އެވެ. ފަހަރުގައި ރައީސް ނަޝީދު ކުރިން ވިދާޅުވި މޭރުމުން ރައްޔިތުންނަށް ނުލަފާކަން ދައްކާލާނެ ކަމަށާ، ދޮން މީހުން އުޅެންޖެހޭގޮތަށް އުޅެންޖެހޭނެ ކަމަށާ، އެންމެން އަބަދު ހަމައިގާ ތިބުން އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާ، ޢީބަ ބުނުމާއި ނެތިމޮށެ އުޅެންޖެހޭނެ ކަމަށް ވިދާޅުވެވެސް މައުމޫން ޓްވީޓްތައް ކުރައްވަން ފެއްޓެވުމަކީ އެކަށީގެންވާކަމެއްކަމަށް މިހާރު ގަބޫލު ކުރެވެން ފަށައިފި އެވެ” ޕީއެސްއެމްގައި ޝާއިއު ކުރުމަށްފަހު މިހާރު ނަގާފައިވާ ރިޕޯޓްގައި ލިޔެފައި ވެ އެވެ.
މި ރިޕޯޓް ޕީއެސްއެމްގެ ވެބްސައިޓުން މިހާރު ނަގާފައިވާއިރު އެ ރިޕޯޓާއިމެދު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔާފަ އެވެ. އެގޮތުން އަބުރު ރައްކާތެރި ކުރުމާއިބެހޭ ބިލު ތަސްދީގު ކުރެއްވިތާ 12 ގަޑިއިރު ވެސް ނުވަނީސް އަބުރު ކަތިލާނެ ގޮތުގެ ނަމޫނާ ދައުލަތުގެ މީޑީއާއިން ދައްކުވައިދީފައިވާކަމަށާއި އަދި ދައުލަތުގެ މީޑިއާއިން އެފަދަ ރިޕޯޓެއް ގެނެސްދިނުން އެއީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށްބުނެ ގިނަ ބަޔަކު ފާޑުކިޔާފައި ވެ އެވެ.
ރައީސް މައުމޫން އާއި ބެހޭގޮތުން ޕީއެސްއެމް ވެބްސައިޓްގައި ލިޔުނު ރިޕޯޓް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ