ފެބްރުއަރީ 7 - ދިފާޢީ ބާރުތަކުން ރައްޔިތުން ސިއްސުވާލި ދުވަހެއް

ދެހާސް ބާރަ ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ވެރިކަން ބަދަލުވެގެންދިޔައީ ގަދަބާރުންނޭ ނުވަތަ ބަޣާވާތަކުން ނޭ ބުނާ އަޑު އިވެނީ މަދަކުން ނޫނެވެ.
ބަޤާވާތަކީ ދީނުގައި ހަރާމްކުރައްވާފައިވާ ބޮޑު ފާފައަކަށް ވީހިނދު, ފެބްރުއަރީ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު މާލޭގައި ހިނގައި ދިޔަ ކަންކަން ތަހުގީގުކޮށް އެކުލަވާލާފައިވާ ރިޕޯޓުތަކުގައި, އެކަންކަން ވަރަށް ސާފުކޮށް ވަނީ ކިޔާވެސް ދީފައެވެ.
އެގޮތުން, ފެބުރުއަރީ ހަތްވަނަ ދުވަހު ވެރިކަން ފުރޮޅުނު ގޮތް ތަހުގީގު ކުރަން އެކުލަވާލެއްވި އިންކްއަރީ ކޮމިޝަނުން ވަނީ 14 ޖެނުއަރީން ފެބުރުއަރީ 7 އަށް ހިނގައިދިޔަ ގޮތުގެ ޓައިމް ލައިނެއް އާންމުކޮށްފަ އެވެ.
ފެބުރްއަރީ ހަވަނަ ދުވަހުގެ ރޭ އެމްޑީޕީ އާއި އިދިކޮޅު އިއްތިހާދުން އާޓިފިޝަލް ބީޗްގައި މުޒާހަރާ ކުރަމުން ދަނިކޮށް އެތަނުން ފުލުހުން ފޮނުވާލަން ޕޮލިސް ކޮމިޝަނާ އަހުމަދު ފަސީހަށް އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފު އަމުރުކުރެއްވުމުން, މަސްރަހު ބެއްލެވުމަށް ފުލުހުންގެ އޮޕަރޭޝަންސް ހެޑް އެ ސަރަހައްދަށް ފޮނުއްވާ, އެ ހިސާބުގެ މަސްރަހު ރަނގަޅު ނޫންކަމަށް އެބޭފުޅާ ކޮމިޝަނާއަށް ރިޕޯޓްކުރެއްވިމުން ވެސް ހޯމް މިނިސްޓަރުގެ ދެވަނަ އޯޑަރެއް ދެއްވީ ވެސް އެތަނުން ފުލުހުން ގެންދިޔުމަށެވެ.
ފުލުހުން އެތަނުން ފޮނުވާލަންދެން ސީދާ އޯޑަރު ކޮމިޝަނާއަށް ކުރެއްވީ ރައީސް ނަޝީދު ކަމަށްވެސް ކޮމިޝަންގެ ހޯމް މިނިސްޓްރީގެ ޓައިމްލައިނުން ދައްކައެވެ.
ފުލުހުންގެ ނުކިޔަމަންތެރިކަން ރައީސް ނަޝީދާއި ކުރިމަތިވެ ވަޑައިގަތީ, ސިފައިންގެ މާލޭ އޭރިޔާ ކޮމާންޑަރަށް ކޮމިޝަނާ ގުޅުއްވާ ފުލުހުން އެތަނުން ފޮނުވާލަން ޖެހިއްޖެ ކަމަށާއި ސިފައިން އެތަނަށް ފޮނުވުމަށް އެދިވަޑައިގެން, ފުލުހުން އެތަނުން ދިޔުމަށް ކޮމިޝަނާ ކުރެއްވި ކޮމާންޑަށް, އެސްއޯ ފުލުހުންގެ ޓެކްނިކަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ފަރާތް އެ ކޮމާންޑަށް އިންކާރު ކުރައްވާ އެހެން ބަޔަކު އެތަނާ ހަވާލުވުމުން ދާނެ ކަމަށް ދެންނެވި ހިސާބުންނެވެ.
މާލޭގެ ކޮމާންޑަރު އިބްރާހިމް ދީދީ ބީޗަށް ސިފައިން ފޮނުއްވުމުން އެމްޑީޕީގެ ސަޕޯޓަރުން އެތަނުގައި ހަމަނުޖެހުން ނުހިންގާނޭ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި ސިފައިން އަނބުރާ މަރުކަޒަށް ފޮނުވާލުމަށް ރައީސް ނަޝީދު އިބްރާހިމް ދީދީއަށް އެންގެވި ކަމަށް ވެއެވެ. ހާލަތަށް ބަލައި ސޯމިލާ ހިސާބަށް ސިފައިން ފަހަތައް ޖެއްސުމަށް ނިންމުމާއެކު ދެފަރާތުން ވަރުގަދަ ހަމަލާތަކެއް ބަދަލުކުރިއެވެ.
ފުލުހުން އާޓިފިޝަލް ބީޗުން ފޮނުވާލަން ރައީސް ކުރެއްވި އަމުރު ފަސީހުގެ ޒަމީރު ގަބޫލު ނުކުރުމުން ކޮމިޝަނާ، އެދުވަހު މަގާމުން އިސްތިއުފާދެއްވަން ރައީސް އަންގަވާފަ ވެއެވެ.
ފުލުހުންގެ އިސްވެރިންގެ އެންގުމަށް އަމަލު ނުކުރި ކޮމާންޑަރުން ހައްޔަރުކުރަން އެރޭގެ އެކަކާއި ދޭކާއި ދެމެދު ސިފައިންނާއި ފުލުހުންގެ އިސްވެރިން ނިންމި އެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޑިފެންސް މިނިސްޓާ ތޮލްހަތު އިބްރާހީމް ކަލޭފާނެވެ. އޭރު އެސްއޯގެ ކުރީގެ ދެ އޮފިސަރަކާއި އަދި އެކަޑަމީގެ އޮފިސަރެއް ގެންދިޔައީ ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުންގެ ތެރެއަށް ވަދެ ލީޑް ކުރަމުންކަމަށް މި ޓައިމްލައިންގައި ވެއެވެ.
އޭރު "ބްލޫސް" ތިބީ ޑެޕިއުޓީ ކޮމިޝަނާ އެންގެވުމަށް ޝަހީދު ހުސެއިން އާދަމް ބިލްޑިންގުގެ ހޯލަށް ވަދެ އެވެ. ކޮމާންޑަރުން ތިބީ ވަކިކޮށްފަ އެވެ. އަދި ޑިފެންސް މިނިސްޓަރުގެ ކޮމާންޑަކަށް ފުލުހުންގެ އެސްއޯ ކޮމާންޑަރުން ހައްޔަރު ކުރުމަށް ސިފައިންގެ 10 މީހުންގެ ސްކޮޑެއް ޖުމްހޫރީ މައިދާނަށް ވަނެވެ. އެއާއެކު ދެން ތިބި ފުލުހުން ހުރަސް އަޅައި އަދި އެ ހަބަރު ލިބިގެން ފުލުހުންގެ ހެޑްކްއާޓަރުގައި ތިބި ބްލޫސް ވެސް ޖުމްހޫރީމައިދާނާ ގުޅުނެވެ. އަދި ކޮމާންޑަރުންވެސް ގޮސް ފުލުހުންނާއި ގުޅުނެވެ. އެއާއެކު ސިފައިންގެ ގްރައުންޑް ކޮމާންޑަރުން ފުލުހުން ހައްޔަރު ކުރަން އުނދަގޫ ވާހަކަ ބުންޏެވެ.
ކޮމާންޑަރުންނާ ޑިފެންސް މިނިސްޓަރާއި ސިފައިންގެ އިސްބޭފުޅުން ބައްދަލުކޮށް ނިންމީ ފުލުހުންނާއި މަޝްވަރާ ކުރާށެވެ. ނަމަވެސް އެ މަޝްވަރާތައް ކާމިޔާބެއްނުވި އެވެ. އަދި ހަތް ވަނަ ދުވަހުގެ ފަތިހު ފަހަކާއި ހަޔަކާ ދެމެދު ވެސް ސިފައިން ފުލުހުން ހައްޔަރު ކުރަން ނިކުތެވެ. ނަމަވެސް އެ ފައުޖު އެނބުރި ވަނީ އެވެ.
ފައުޖާ ރައީސް ބައްދަލު ކުރުމުން ފައުޖުގެ ކޮމާންޑަރުން ވަނީ ފުލުހުން ހައްޔަރު ކުރުމުގައި ރިޒަވޭޝަނެއް އޮތް ކަމަށް ވިދާޅުވެ ފަހަތަށް ޖެހިވަޑައިގެންފަ އެވެ. އަދި ރައީސް ނަޝީދު ވެސް އެގޮތާ އެއްބަސްވެ ވަޑައިގަތެވެ. އަދި ޑިފެންސް މިނިސްޓަރު އެހެން ކޮމާންޑަރެއް އިސްކުރެއްވި އެވެ.
ފެބުރުއަރީ ހަތް ވަނަ ދުވަހު ސިފައިންގެ ބަޑި ގުދަނާއި ހަވާލުވެ ހުންނެވި އޮފިސަރުގެ އެންގުމަކާއި ނުލައި އެއްވެސް ފަރާތެއްގެ އެންގުމަށް ބަޑި ގުދަން ނުހުޅުވަން ވަނީ އަމުރުކޮށްފަ އެވެ. އަދި އޭރު ޑިއުޓީއަށް ތިބި ސިފައިންގެ ބަޑިތަކުން ވަޒަން ހުސްކޮށް ފޮރުވި އެވެ. އެކަން ހިނގީ އެރޭގެ ފަތިހު ހަތަރަކާއި ފަހަކާ ދެމެދުގައި ކަމަށް އިތުރު ތަފްސީލު ޓައިމްލައިނުގައި ހިމަނާފައެއް ނުވެއެވެ.
ފެބުރުއަރީ ހަތެއްގެ ފަތިހު ފަހަކާއި ހަޔަކާއި ދެމެދު ރައީސް ނަޝީދު ވަނީ ކޮމިޝަނާ ފަސީހު ޖުމްހޫރީ މައިދާނަށް ވަޑައިގެން ފުލުހުންނާއި ބައްދަލު ކުރެއްވުމަށް އަންގަވާފަ އެވެ. ނަމަވެސް ފަސީހު ބަންޑާރަކޮށިން ނުކުމެ، ވަޑައިގަތީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށެވެ. އަދި ޖުމްހޫރީ މައިދާނުގައި ފުލުހުންނާއި ބައްދަލު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ފުލުހުން ހަތިޔާރު ބެހެއްޓުމަށް ފަހު އިސްކަންދަރު ކޮއްޓަށް ދާން ވެސް އެންގެވި އެވެ. ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ.
މައްސަލަ ހޫނުވި ގަޑީގައި ރައީސް އޮފީހުގައި ކެބިނެޓް ބައްދަލުވުމެއް ރައީސް ނަޝިދު ވަނީ ބާއްވާފައެވެ. ރައީސް އެދިވަޑައިގަތުމަށް އެ ޝެޝަން ޗެއާ ކުރެއްވީ އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އެވެ. އަދި ރައީސް ނަޝީދާ ފޯނު މަޝްވަރާ ކުރެއްވުމަށް ފަހު ޑީޑީ ހުށަހެއްޅުއްވީ ހުރިހާ ޕާޓީތަކެއް އެކުވެގެން މައްސަލަ ހައްލުކުރަން ޖޮއިންޓް ސްޓޭޓްމަންޓެއް ނެރުމަށެވެ. ނަމަވެސް ކެބިނެޓްގައި ތިއްބެވި ބޭފުޅުން ރައީސް ނަޝީދު ވަޑައިގެން ނެތީސް އެފަދަ މަޝްވަރާއެއް ކުރަން އިންކާރު ކުރެއްވި އެވެ. އަދި ކޮންފަރެންސް ކޯލަކުން ރައީސް ނަޝީދު އެވަގުތު ކެބިނެޓާ މުހާތަބުކުރައްވާ އެމަނިކުފާނުގެ ހާލުކޮޅާއި ސިފައިންގެތެރެ ވެސް ރަނގަޅު ކަމަށް ވިދާޅުވި އެވެ. ޖޮއިންޓް ސްޓޭޓްމަންޓްގެ ކަންތައްތައް މާރިޔާ ދީދީ އާއި އިބްރާހިމް މުހައްމަދު ސޯލިހުއާ ގުޅުއްވައިގެން ކުރިއަށް ގެންދިޔުމަށް ނިންމުމަށްފަހު އެބޭފުޅުންގެ ފަރާތުން ޖަވާބެއް ނުލިބުމުން އެކަން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
އިންޑިއާ ހައިކޮމިޝަނާ މުލޭ ސިޔާސީ ލީޑަރުންނާއި ވާހަކަ ދައްކައިގެން ތިން ދުވަހުގެ މުހުލަތެއް ސަރުކާރަށް ހޯދައިދިނުމަށް އެދުވަހު ޑރ. ޑީޑީ އާއި, އަބްދުﷲ ޔާމީނާއި އަދި އަހުމަދު ތަސްމީން އަލީއާ ބައްދަލު ކުރެއްވި ނަމަވެސް, އިބްރާހިމް މުހައްމަދު ސޯލިހު ޔާމީނަށް ގުޅުއްވާ ރައީސް ނަޝީދު އިސްތިއުފާދެއްވަން ނިންމެވި ކަމަށް ވިދާޅުވުމުން ޑރ. ޑީޑީ ރައީސް ނަޝީދަށް ގުޅުއްވާ އެއީ ތެދު ހަބަރެއްތޯ ސާފުކުރެއްވި އެވެ. އެކަމަކު އެ ސުވާލަށް ޖަވާބު ނުދެއްވާ ޔާމީނުގެ އަތްޕުޅަށް ފޯނު ދެއްވުމަށް އެދިވަޑައިގެން, ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވި ކަމަށް ޔާމީނު އަރިހުގައި ވިދާޅުވުމާއެކު އެބައްދަލުވުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
ފެބުރުއަރީ ހަތެއްގައި ސިފައިންގެ ޖެނެރަލަކު ވަނީ ފުލުހުން ޖުމްހޫރީ މައިދާނުން ފޮނުވާލަން ބަޑި ޖެހުން ނޫން ގޮތެއްނެތް ކަމަށް ރައީސަށް ދަންނަވައިފަ އެވެ. ނަމަވެސް އެއްވެސް ހާލެއްގައި އެކަން ނުކުރުމަށް ރައީސް އެންގެވި އެވެ. ފުލުހުންނާއި ގުޅެން ބައެއް ސިފައިން ބޭރަށް ނުކުންނަން ބޭނުން ވާހަކަ އާއި އެމީހުން ހައްޔަރުކުރަން ވީތޯ އިބްރާހިމްދީދީ ރައީސް އަރިހު ދެންނެވުމުން ވެސް އެކަން ނުކުރުމަށް ވެސް ރައީސް އެންގެވި އެވެ.
ގައުމީ ޕާޓީން އިސް ނަގައިގެން ރައީސް ނަޝީދުގެ ގާނޫނީ ހައިސިއްޔަތާއި ގުޅޭ މައްސަލައެއް އެދުވަހު ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ޓައިމްލައިނަކު ނުހިމެނެ އެވެ.
ރައީސް ނަޝީދު ސިފައިން ގޭގައި އުޅުއްވީ އެއްވެސް މަޖުބޫެރެއް އަދި ބިރު ދެއްކުމެއް ނެތި އެވެ. އެއީ އެދުވަހު ފުލުހުންނާ ބައްދަލު ކުރައްވަން ނުކުމެވަޑައިގަތުމުގެ ކުރިން ބަންޑާރަ ކޮށީގެ ތެރޭގައި ހިންގަވާ ސިފައިންގެ ގުރޫޕަކާއި ވާހަކަފުޅު ދައްކަވައި ހެއްދެވި އެވެ. އަދި ފުލުހުންނާ ބައްދަލުކުރައްވަން ނުކުމެވަޑައިގަތީ ސިފައިންގެ މަޝްވަރާއެއް ނެތި ކުއްލިއަކަށްކަމަށާއި, ބަންޑާރަ ކޮށީގެ ތިރިއަށް ފައިބައިވަޑައިގެން އެ ވަގުތު އެތަނުގައި ތިއްބެވި ޖޫނިއާ ސިފައިންގެ ގުރޫޕަކާއި ބައްދަލުކުރައްވާ ދެން ރައީސް ކަންތައް ކުރައްވަން ފެންނަނީ ކޮންގޮތަކަށްތޯ ސުވާލު ކުރެއްވުމުން އެ ގުރޫޕުގެ ހުރިހާ ކުދިން ރައީސް އިސްތިއުފާ ދެއްވަން ފެންނަ ކަމަށް ބުނެ އަތްމައްޗަށް ނެގި އެވެ.
ޓައިމްލައިންގައި ބުނާގޮތުން އެއީ ދުވަހުގެ 12 އާއި އެކަކާ ދޭތެރޭގެ ވަގުތެކެވެ. ރައީސް ނަޝީދު އިސްތިއުފާ އިއުލާންކުރެއްވުމުގެ ކުރިން ރައީސް ނަޝީދު ޗީފް އޮފް ސްޓާފާއި އަދި ކެބިނެޓް ސެކްރެޓެރީއާއެކު ރައީސް އޮފީހުގެ ޣާޒީ މާލަމުގައި ހުންނަވަނިކޮށް މުހައްމަދު ނާޒިމާއި އާއި މުހައްމަދު ފަޔާޒް އަދި އަބްދުﷲ ރިޔާޒު އެމާލަމަށް ވަދެވަޑައިގަތެވެ.
ނާޒިމް ރައީސް ނަޝީދުގެ އަރިހުގައި ދެންނެވީ އިސްތިއުފާގެ ސިޓީއާބެހޭ ގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ސުވާލުކުރެއްވި ކަމަށެވެ. އަދި އެހެން ވިދާޅުވުމުން ރައީސް ނަޝީދު ސިޓީ ކޮބައިތޯ ކެބިނެޓް ސެކްރެޓަރީ ގާތުގައި އެއްސެވި އެވެ. ނަމަވެސް އެ ސިޓީ ތައްޔާރު ނުވާކަމަށް ވިދާޅުވުމުން އެ މަނިކުފާނުގެ ލެޓާ ހެޑާއި ގަލަމެއް ގެނައުމަށް އެންގެވި އެވެ.
ގަލަމާއި ކަރުދާސް ގެނައުމުން އެ މާލަމުގައި ހުރި ޕޯޑިއަމެއްގައި ހުންނަވައި އަމިއްލަ އަތްޕުޅުން ސިޓީ ލިޔުއްވާ ސޮއި ކުރެއްވުމަށް ފަހު ކެބިނެޓް ސެކްރެޓަރީ އަތަށް ސިޓީ ދެއްވި އެވެ.
ރައީސް ނަޝީދު އިސްތިއުފާދެއްވި ސިޓީ މަޖިލީހަށް ހުށަޙެޅުއްވުމަށް އެ ސިޓީ ރައީސް އޮފީހުން ނެންގެވީ އަބްދުﷲ ރިޔާޒެވެ. އަދި އެ ސިޓީ ހިއްޕަވައިގެން ރިޔާޒް ވަޑައިގެން ހަވާލުކުރެއްވެވީ ފުލުސް އޮފިސަރަކާ އެވެ. އަދި އެ ސިޓީ މަޖިލީހާ ހަވާލުކުރީ ފުލުސް އޮފިސަރެކެވެ.
މިއީ ވެރިކަން ވެއްޓުނުގޮތް ކަމަށް ޓައިމްލައިނުގައި ބަޔާންކޮށްފައިވާ ގޮތެވެ.
ނަމަވެސް, މީގެ ފަސް އަހަރު ކުރިން ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ފެނިގެންދިޔައި ބަޣާވާތެއް ކަމަށް އެމްޑީޕީއިން ދަނީ ބުނަމުންނެވެ.
ރައީސް ވަހީދުގެ ވެރިކަމުގައި އެމްޑީޕީއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެމްޑީޕީން ރާވައި ހިންގާ ސުލްޙަވެރި އިޙްތިޖާޖުތައް ހިނގަމުންދާ ވަގުތު ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރަނީ ކުރިންވެސް އެމްޑީޕީގެ ބޮލުގައި އެފަދަ ތުހުމަތުތައް އެޅުވުމަށް ދުރާލައި ރާވައިގެން އެފަދަ ލާއިންސާނީ ޢަމަލުތައް ހިންގަމުންދިޔަ ފަރާތްތަކުން ކަމަށެވެ.
"ބަޣާވާތަކުން ގެނެސްފައިވާ ސަރުކާރެއްގެ މޫނުމަތި ރީތިކޮށް، އެ ސަރުކާރު ދެމެހެއްޓުމަށްޓަކައި، މި ފަދަ ލާއިންސާނީ ޢަމަލުތައް ތަކުރާރުކުރާނެ ކަމީ މި ޕާޓީއަށް ވެސް އަދި ދިވެހިރައްޔިތުންނަށް ވެސް އޮޅިފައިވާ ކަމެއް ނޫނެވެ," އެމްޑީޕީއިން ބުނެއެވެ.
އެމްޑީޕީއިން އިތުރަށް ބުނެފައިވާ ގޮތުން ފެބްރުއަރީ 7 ގެ ފަހުން, ދިވެހީންގެ ހިތުގައި ފުލުހުންނާއި ސިފައިންނަށް ބިރު އުފެދިފައިވާ ކަމަށެވެ.
"އެނގިވަޑައިގަންނަވާނޭ ފަދައިން 7 ފެބްރުއަރީ 2012 ވަނަ ދުވަހު ދިވެހި ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް ފަރާތްތަކުގެ ބައިވެރިވުމާއެކު ގެނެވުނު ބަޣާވާތެއްގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޚާބުކޮށްފައިވާ ޑިމޮކްރެޓިކް ރައީސް މަގާމުން ދުރުކޮށްފައިވުމާއި، އަދި އޭގެ ފަހުން ވެސް ހަތިޔާރެއް ނެތް އާންމު ރައްޔިތުންނާ މެދު ފުލުހުން އެކަށީގެންނުވާ ބާރު ބޭނުންކޮށް، ދިވެހި ރައްޔިތުންނަށް ބޮޑެތި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދެމުންދާތީ ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ހިތުގައި ދިވެހި ފުލުހުންނާއި ސިފައިންނާ މެދު ވަރަށް ބޮޑު ރުޅިވެރިކަމަކާއި، ނަފްރަތުގެ ޝުޢޫރުތަކެއް ގެންގުޅޭކަން މި ޕާޓީއަށް ވަނީ ފާހަގަކުރެވިފައެވެ," އެމްޑީޕީގެ ބަޔާނެއްގައި ވެއެވެ.
އެމްޑީޕީއިން ބުނާ ބަޣާވާތް ގެނައުމަށް މަސައްކަތް ކުރި ބައެއް ބޭފުޅުން ކަމުގައި އެޕާޓިން ވަނީ ބައެއް ފަރާތަކުގެ ނަންވެސް ފާހަގަ ކޮށްފައެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށާއި, ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވާނެކަން އިއުލާންކުރެއްވުމާއެކު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގައި ހުންނަވާ ކަރުނަ އަޅާ ވަނީ ކީރިތިކުރައްވާފައެވެ.
އަދި ރައީސް ނަޝީދުގެ ވަރުގެ އަނިޔާވެރި ވެރިޔަކު، އަދި ލާދީނީ ވެރިޔަކު ނެތް ކަމަށް ވިދާޅުވީ މަގުތަކުގައި މުޒާހަރާކޮށް، ކޯޓުތަކަށް ވަޑައިގެންނެވި އޭރުގެ މަޝްއޫރު ޤާނޫނީ ވަކީލް އަދި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވެސް މިއަދު ހުންނެވީ އެހެން ޤައުމެއްގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން, ޤައުމަށް އެނބުރި ވަޑައިގެންފިނަމަ ހައްޔަރުކުރައްވާނެކަމުގެ ބިރުގައެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެއްވެސް ޝަރުތަކާނުލައި އިސްތިއުފާދެއްވަންޖެހޭނެ ކަމަށް ވިދާޅުވި މުހައްމަދު ނާޒިމް އާއި, ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާގެ ސިޓީ ހިފައިގެން ވަޑައިގެންނެވި ކަމަށް ބުނެވޭ، ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ހިމެނެއެވެ.
ފެބްރުއަރީ 6 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ހެނދުނާ ހަމައަށް ޖުމްހޫރީ މައިދާނަށް ފުލުހުންގެ ބަޔަކު އެއްވެ އިހްތިޖާޖު ކޮށްފައި ވަނީ ފުލުހުނަށް ވެސް ގާނޫނު އަސާސީ އިން ލިބިދޭ އިހްތިޖާޖު ކުރުމުގެ ހައްގުގެ ތެރެއިން ގާނޫނާ އެއްގޮތަށް ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފައެވެ.
"ޖުމްހޫރީ މައިދާނަށް ފުލުހުންގެ ބަޔަކު އެއްވެ، ކޮމިޝަނަށް ޕޮލިސް އެތަނަށް ހާޒިރުވެ، އެމީހުންގެ މައްޗަށް ޣައިރު ގާނޫނީ އަމުރެއް ނުކުރުމަށާއި ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން އެއްވެސް ފުލުހަކާ މެދު ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ދިނުމަށް ޑިމާންޑްކުރަމުންދިޔަ އިރު، މި ޑިމާންޑްތަކަކީ އެހާތަނަށް އެކަންތައްތައް ވެފައިވާ ގޮތަށް ބަލާއިރު ސައްހަ ޑިމާންޑްތަކެއް ކަމަށް މި ކޮމިޝަނަށް ފެނެ އެވެ," މި ރިޕޯޓުގައިވެއެވެ.
އޭގެ އިތުރުން އެ ރިޕޯޓްގައި ބުނެފައި ވަނީ ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުން އިހްތިޖާޖު ކުރަމުންދަނިކޮށް އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަށް ގޮވީ އެ ސަރަހައްދަށް ވަން އާންމުން ކަމަށެވެ.
ޖުމްހޫރީ މައިދާނަށް ފުލުހުން އެއްވުމާ ގުޅޭ ގޮތުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ކުރި ތަހްގީގަށް ފަހު ނެރުނު ރިޕޯޓުގައި އޭރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަޞީހާއި ފުލުހުން އިހްމާލުވެފައިވާ މިންވަރު ތަހްގީގުކުރުމަށް ފަހު ފިޔަވަޅުއެޅުމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ