ޕީޕީއެމް ދެބައިވެފައިވާއިރު ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވަން މައުމޫން ފެކްޝަނުން، ޕީޕީއެމްގެ ނަމުގައި ހުށައަޅުއްވާ ފޯމުތަށް އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަންނާނެ ކަމަށް، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ތަރުޖަމާނުގެ ގޮތުގައި ވެސް ހުންނެވި އާރިފް ވިދާޅުވީ، ޕީޕީއެމްގައި އެބޭފުޅުން ހިންގަވާ އޮފީހުން ގެންދާ ފޯމުތަށް ފިޔަވައި، އިތުރު ފޯމުތަކެއް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނާނެ ކަމަށެވެ.
"އެއީ ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ވަނީ އަޕްހޯލްޑްކޮށްފަ. އެހެންވީމަ މި އޮފީހުން ގެންދާ ފޯމުތަށް ބަލައިގަންނާނީ" އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ ކުރިން ދޫކުރި ފޯމުތަށް ގެނައި ނަމަވެސް، އެ ފޯމުތަށް ބަލައިނުގަންނާނެ ކަމަށާއި، މިހާރު އިންތިހާބަށް ކުރިމަތިލުމަށް އާ ފޯމެއް ތައްޔާރުކޮށް ބައެއް ބަދަލުތަށް ގެނެސްފައިވާ ކަމަށެވެ.
ދަރުބާރުގޭ ރަންނަބަނޑޭރި މާލަމަށް ފޯމު ހުށައަޅުއްވާއިރު، ގާނޫނީ ފޯމާއެކު އައިޑީކާޑާއި އައިޑީކާޑުގެ ކޮޕީ އާއި ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއްވެސް ހުށައެޅުއްވުމަށް އާރިފް އެދިވަޑައިގެންނެވިއެވެ.
ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވީ، ޕީޕީއެމް ޓިކެޓަށް އެދި ހުށައަޅާ ފޯމު މިއަދު މެންދުރު 2 އިން ފެށިގެން ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުން ލިބެން ހުންނާނެ ކަމަށާއި، ރާއްޖޭގެ އަތޮޅުތަކުން ވެސް ޕީޕީއެމް މެމްބަރުންނަށް ފޯމު ލިބޭނެ ގޮތް ހަމަޖައްސަމުންދާ ކަމަށް ހަލީލް ވިދާޅުވިއެވެ.
އެގޮތުން އިންޓަނެޓްގެ ޒަރިއްޔާއިން ފޯމު ލިބޭނެގޮތް ހަމަޖައްސަވާނެ ކަމަށް، ހަލީލް ވިދާޅުވިއެވެ.
"ކޯޓުގެ ހުކުމާއި ގުޅިގެން މިއައި ބަދަލުތަކާއެކު ޕީޕީއެމް ކައުންސިލުން އިއުލާންކުރަނީ، މުޅިން އާ ފޯމުތަކެއް ހިމެނިގެންދާނީ. އެ ފޯމުތަކުގައި މުޅިން އާ މައުލޫމާތުތަކެއް ހިމެނޭނެ. ފޯމު ހުށައަޅާއިރު އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ" ހަލީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން އަމިއްލަ މެމްބަރުންގެ ގޮތުގައި ވާދަކުރެއްވުމުގެ ބަދަލުގައި، ރަށާއި އަތޮޅުގެ ތަރައްގީއަށް ގެންނަން ބޭނުންނަމަ ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުގައި، ވާދަކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޕީޕީއެމްއިން ބުނީ، ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ދޫކުރުމާއި އަދި ބަލައިގަތުން އޮންނާނީ، މިއަދުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް، ދަރުބާރުގޭ ހަކުރާ މާލަމުގައި ކަމަށެވެ.
މައުމޫން ފެކްޝަންގެ ފޯމުތަށް އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ