ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތްކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓްގެ ގާޒީ ސ. ފޭދޫ ބްލޫމޫން މަރިޔަމް ވަހީދަށް ލިބިގެންނުވާކަމަށް ސުޕްރީމް ކޯޓުން ކަަނޑައަޅައިފިއެވެ.
ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން މި ނިންމުން ނިންމީ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައިވާ މައްސަލައެއް ސިވިލް ކޯޓުން އަލުން ބަލައި ދައުލަތުގެ މައްޗަށް އަމުރެއް ނެރުނު މައްސަލައާއި ގުޅިގެންނެވެ.
ސުޕްރީމް ކޯޓުން ނެެރެފައިވާ އަމުރުގައި ބުނެފައިވަނީ ދިވެހި ސަރުކާރާއި، މެރިން ޓެކޮނޮލޮޖީ މޯލްޑިވްސްއާއި ދެމެދު ކޮށްފައިވާ ވ ބޮޑުމޮހޮރާ ޓްއަަރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުުރުމުގެ މައެްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފަައިވަނިކޮށް އެއާއި ހިލާފަށް އެ މައްސަލަ ސިވިލްކޯޓަށް ބަލައިގަނެ އެ މައްސަލައާއިމެދު ގޮތްތަކެއް ނިންމާފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރުގައި އިތުރަށް ބުނެފައިވަނީ ސިވިލް ކޯޓްގެ ގާޒީ ސ. ފޭދޫ ބްލޫމޫން މަރިޔަމް ވަހީދު ބެލި މި މައްސަލާގައި ވ ބޮޑު މޮހޮރާ ހަތް ދުވަހުގެ ތެރޭގައި މެރިން ޓެކްނޮލޮޖީސްއަށް ކުއްޔަށް ދޫކުރަން އެއްބަސްވުމެއް އެކުލަވާލަން ސަރުކާރުގެ މައްޗަށް އަމުރެއް ނެރެފައިވާކަމަށެވެ.
އެ އަަމުރު ގާޒީ މަރިޔަމް ވަހީދު ނެރެފައިވަނީ ގާނޫން އަސާސީއާއި ރާއްޖޭގެ ކޯޓްތަކުގެ ގާނޫނު އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ވެސް މުޅިން ހިލާފަށް ކަމަށްވެސް ސުޕްރީމް ކޯޓްގެ އަމުރުގައިވެެއެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ގަވާއިދުގެ 86 ވަނަ މާއްދާއަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ކޯޓްތަކުގައި ޝަރީއަތްކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު ސިވިލްކޯޓް ގާޒީ މަރުޔަމް ވަހީދުގެ ކިބައިން ގެއްލިފައިވާ ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ކޯޓްތަކުގެ ޝަރީއަތް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓްގެ ގާޒީ މަރިޔަމް ވަހީދުއަށް ލިބިގެން ނުވާކަމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަންގާކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.
ގާޒީ މަރިޔަމް ވަހީދަށް ޝަރީއަތްކުރުމުގެ ހައިސިއްޔަތެއް ނެތް: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ